ކަރަންޓާއި ފެނެއް ނެތް، މަގެއް ވެސް ނެތް! އެކަމަކު އަހަރުމެން ފޮނިވެފައި!

އައްޑޫ ރައްޔިތުންގެ ހިމޭންކަމަކީ ފޮނިބުރުވުމެއް ނޫން، އެއީ ދައުލަތުގެ ހިންގުމުގެ ނިޒާމަށް އިތުބާރު ނެތުން.

ކަރަންޓާއި ފެނެއް ނެތް، މަގެއް ވެސް ނެތް! އެކަމަކު އަހަރުމެން ފޮނިވެފައި!

ނިދަން އޮށޯވެ ފޯނުން ފޭސްބުކް ހުޅުވާލުމާއި އެކު ފެނުނީ ފޭސްބުކްގެ 'މަބެނީ ތޯ ކޮބާ' ޕޭޖްގައި ލިޔެފައިވާ ލިޔުންކޮޅެކެވެ. އޭގައި އޮތީ [ފެނެއް ނެތް، ކަރަންޓެއް ނެތް، މަގެއް ނެތް، އެކަމަކު އައްޑޫ މީހުން ފޮނިބުރުވުމުގައި] ކަމަށް ލިޔެފައެވެ.

މިޕޯސްޓް ކިޔާ ނިންމާލުމާއި އެކުއަހަރެން ހިތަށް އެރިއެވެ. މިއީ އަސްލު ހަގީގަތުގައި ވެސް އަހަރުމެންގެ ހާލުގެ ވާހަކައެވެ. މިއީ އައްޑޫ ރައްޔިތުންގެ ވާހަކައެވެ. އަހަރެންގެ ވެސް ވާހަކައެވެ.

އެހެން ނުބުނާންވީ ސަބަބެއް ވެސް ނެތެވެ. އެއީ ހަމަ ހުސް ތެދު ވާހަކައެވެ. ނަމުން މިއީ އައްޑޫ ސިޓީއެވެ. ކައުންސިލްގެ ލޯގޯ ބުނާގޮތުން މިއީ 'ދަ ފައިނެސްޓް' ސިޓީއެވެ. 

އެކަމަކު އަހަރުމެން އެއްވެސް މީހަކަށް ކަރަންޓު ކުއްލިއަކަށް ނުކެނޑޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ. ޚުދު އިންޖީނުގޭގައި ތިބޭ މުވައްޒަފުންނަށް ވެސް އެ ޔަޤީންކަމެއް ނޯވެއެވެ. ކަރަންޓު ކެނޑި ގޭގެ ހިފައި ގެންގުޅޭ ސާމާނު ހަލާކުވެގެން، އަނެއްކާ ވެސް މަތި މައްޗަށް އިންސްޓޯލްމަންޓަށް މުދާ ނަގަން ޖެހުމުގެ ބިރު ކޮންމެ މީހަކަށް ވެސް އޮވެއެވެ.

 ދެން އޮތީ ފެނުގެ ވާހަކައެވެ. ފެންވަރަން ހުއްޓައި ފެން ކެނޑިދާނެ ކަމުގެ ބިރު އޮވެއެވެ. ނޫނީ ސަޕްލައި ފެނުން ކޮންމެވެސް ވަހެއް ދުވާތީ، ފެން ބޭނުން ނުކޮށް ވަޅުން ބާލިދީގައި ފާޚާނާއަށް ފެން ގެންދަން ވެސް ޖެހިދާނެއެވެ. 

ގޭގެ ވަށައިގެން އޮންނަ މަގުން ނަރުދަމާ ނަޖިސް ބޭރުވާން ފަށައިފާނެއެވެ. އެކަން ހައްލުނުވެގެން ގެއިން ނުނިކުމި އުޅެން ޖެހިދާނެއެވެ. ވިއްސާރަ ދުވަހެއްގައި ނަޖިސް ބޭރުވެއްޖެ ނަމަ، މުޅި ގޯތި ތެރޭގައި ވެސް މަގުމަތީގައި އޮންނަ ނަޖިސް ފެތުރިގެންދެއެވެ. އަހަރުމެން އައްޑޫ މީހުންނަށް މިހާލުގައި އޮތީ ޒިކުރުކޮށްގެން ތިބުމެވެ.

މިއީ އަހަރެންނާއި އައްޑޫގެ އެންމެން ވެސް އުޅޭ ހާލެވެ. އެހެންނަސް މިއީ އައްޑޫ ސިޓީއެވެ. ސިޔާސީ ފިކުރުން ޕީއެންސީ ނަމަ މިއިން އެއްވެސް ކަމެއް އިހުސާސު ވާކަމަށް ވެސް ނަހަދާނެއެވެ. 

މަބެނީ ތޯކޮބާ ޕޭޖުގެ ޕޯސްޓްގައި ބުނި އެހެން ވާހަކައެއް ވެސް އެބައޮތެވެ. އައްޑޫގެ ހުރިހާ އެންމެން ކާރާއި ސައިކަލުގައި ދާނީ ފޮނިވެފައެވެ. އެއީ ވެސް ތެދެެކެވެ. އޭގެ ތެރޭގައި އަހަރެން ވެސް ހިމެނެއެވެ. އެ ފޮނިކަމުގައި އުޅުނަސް އަހަރުމެން އައްޑޫ މީހުން މިތިބީ އަސްލު ވަރަށް ހާލުގައެވެ.

އެކަމަކު އަހަރެން ހިތަށް އެރިއެވެ. 'މަބެނީ ތޯ ކޮބާ' ޕޭޖްގެ ގެ ވާހަކައަށް އަހަރެން އިތުރުކޮށްލާނަމެވެ. އަހަރެން ވެސް ހިމެނޭ ގޮތަށް އައްޑޫ ރައްޔިތުން ފޮނިބޮޑުވަނީ އެކަންޏެއް ނޫނެވެ. 

ވަކި މިންވަރަކަށް ހާލުގައި އުޅެން ޖެހުމުން، އެކަން އެއީ އިންސާނާގެ ހަޔާތުގެ ބައެއް ކަމަށް ޤަބޫލުކުރެވެއެވެ. އައްޑޫ ރައްޔިތުން ދައްކައިދެނީ، ދިގުލައިގޮސްފައިވާ ތަކުލީފުތައް އެއީ އެމީހުންގެ ދިރިއުޅުމުގެ އާދައެއް ކަމުގައި ބަލައިގަންނަން އިންސާނީ ތޮބީޢަތުގައި ޖާގަދޭ ކަމެވެ. ލިންކް ރޯޑުގައި ގަނަ ތެޅި ދުއްވާ ވެހިކަލާއި ޖިސްމަށް ވެސް އަނިޔާ ވާއިރު ވެސް، ނުވަތަ ކަރަންޓާއި ފެނާއި ނުލައި އުޅެން ޖެހުނަސް، އެކަން ވެފައި މިވަނީ އައްޑޫ ރައްޔިތުންގެ ހަޔާތުގެ ބައެއްގެ ގޮތުގައެވެ.

އެކަމަކު ރައްޔިތުންގެ މި ހިމޭންކަމަކީ މި ހާލަތަށް ރުހިގެން ތިބުމެއް ނޫނެވެ. އަދި އެއީ ހަމައެކަނި ފޮނިބުރުވުމެއްވެސް ނޫނެވެ. އެއީ ކެތްތެރިކަން ކޮޅުންލައި، ދައުލަތުގެ ނިޒާމުގެ މައްޗަށް އޮތް އިތުބާރު މުޅިން ގެއްލިފައިވާ ކަމުގެ ނުރައްކާތެރި އިންޒާރެކެވެ. އެކަމަު މާޔޫސްކަމުގެ ތެރޭގައި ތިބެގެން މި ތަކުލީފުތަކަށް ނިމުމެއް ނާންނާނެއެވެ. މި ހާލަތު ބަދަލުކުރެވޭނީ ރައްޔިތުން މި ހިމޭންކަން ދޫކޮށް، ހަށިފޮޅާލާފައި ނުކުމެ އަޑުއުފުލައިގެންނެވެ.

View post on FacebookOnly public posts can be displayed. If the preview is unavailable, open the original post.


އައްޑޫ ލިންކް ރޯޑް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0