ޒުވާނުންގެ މުޒާހަރާ އޮންނާނީ ހިތަަދޫ އިންޖީނުގެ ސަރަހައްދުގައި
ލިންކް ރޯޑު މަރާމާތުކުރުން ލަސްވެފައިވާ މައްސަލައިގައި އައްޑޫގެ ޒުވާނުން ބާއްވާ މުޒާހަރާ ލިންކްރޯޑްގައި ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށް އެ ހަރަކާތް އިންތިޒާމުކުރާ ފަރާތްތަކުން ބުނެފިއެވެ
'ބެރިކޭޑް' ނަމުގައި ކުރިއަށް ގެންދާ މި މުޒާހަރާ ބޭއްވުމަށް ހަމަޖައްސާފައިވަނީ ލިންކްރޯޑްގައި ހުންނަ އިންޖީނުގެއާ ދިމާލުން ބަނދަރާއި ވީ ފަޅީގައި އޮންނަ ހުސް ބިމުގައެވެ. މިއީ ސުލްހަވެރި މުޒާހަރާއެއް ކަމަށް ވެސް އެ ފަރާތްތަކުން ބުންޏެވެ.
މި އެއްވުމުގެ ކުލަތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ ރަތް ކުލަ އާއި ކަޅު ކުލަ ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން ބުނެއެވެ. މީގެ އިތުރުން، މުޒާހަރާއަށް ނުކުންނައިރު އެއްވެސް ސިޔާސީ ބެނާއެއް ނުވަތަ ޝިއާރެއް ބޭނުން ނުކުރުމަށާއި އެ ތަނަށް ނުގެނައުމަށް ވެސް އެ ފަރާތްތަކުން ވަނީ އެދިފައެވެ.
އެ ހަރަކާތް އިންތިޒާމުކުރާ ފަރާތްތަކުން ބުނި ގޮތުގައި، މި މުޒާހަރާގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ އެންމެންނަށް ވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން، ހުރިހާ އުމުރެއްގެ މީހުންނަށް ވެސް މި އެއްވުމުގައި ބައިވެރިވުމަށް އެ ފަރާތްތަކުން ވަނީ ދައުވަތު ދީފައެވެ.