ޝާހިދަށް ކުރެވޭ ތުހުމަތާ ގުޅިގެން އަދި އެއްޗެއް ބުނާކަށް ނެތް: ނިޒާރު
އިދިކޮޅު އެމްޑީޕީގެ ކުރީގެ ރައީސް އަދި އެޕާޓީގެ ސަރުކާރުގެ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތަށް މިވަގުތު އަދި އެއްޗެއް ވިދާޅުވާން ނެތްކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އައްޑޫ ޕްލަސްއިން ކުރި ސުވާލެއްގެ ޖަވާބުގައި ނިޒާރު ވިދާޅުވީ، “އަދި ނެތިން މި މައްސަލައިގައި އެއްޗެއް ބުނަން” ކަމަށެވެ.
ނިޒާރު މިހެން ވިދާޅުވެފައިވާއިރު، ޝާހިދު ވަނީ އޭނާ ހައްޔަރުކުރުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިން، ޓްވީޓްކޮށް އެއީ ސިޔާސީ ތުހުމަތެއް ކަމަށް ބުނެފައެވެ.
އެހެން ނަމަވެސް އެނގިފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިގެންނެވެ. ޝާހިދު ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މިއަދު އޭނާ ކޯޓަށް ހާޒިރުކުރާނެ ކަމަށް ބެލެވެއެވެ.