ލިންކް ރޯޑް ހަދަން ފެށިކަމަށް ބުނާ ވާހަކައަކީ ރޯ ބުހުތާނު ދޮގު: ނިޒާރު

ކޮންޓްރެކްޓަރާ ގުޅުންހުރި އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި ސާވޭގެ ގޮތުގައި ކުރީ މަގުގެ ދިގުމިން ބެލުން އެކަނި ކަމަށް ވިދާޅުވި

ލިންކް ރޯޑް ހަދަން ފެށިކަމަށް ބުނާ ވާހަކައަކީ ރޯ ބުހުތާނު ދޮގު: ނިޒާރު

އައްޑޫ ލިންކް ރޯޑް ހަދަން ފަށާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ރޯ ބުހުތާނު ދޮގެއް ކަމަށް ވިދާޅުވެ، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު އެ ވާހަކަތައް ދޮގުކުރައްވައިފިއެވެ. 

ކައުންސިލް ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ، ލިންކް ރޯޑު ހެދުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި، ކޮންޓްރެކްޓަރާ ގުޅުންހުރި އެއްވެސް ކަމެއް ވެސް ކުރިއަށް ނުދާ ކަމަށެވެ.

މޭޔަރު ވިދާޅުވި ގޮތުގައި، މިހާތަނަށް ސާވޭގެ ގޮތުގައި ވެސް ކޮށްފައިވާ ހަމައެކަނި މަސައްކަތަކީ އެ މަގުގެ ދިގުމިން ބެލުމެވެ. މީގެ އިތުރުން، މިހާރު ބޭނުންކުރާ ޑައިވާޝަން މަގަކީ ކުރިން އައްޑޫގެ މަގުތައް ހެދި އިންޑިއާގެ އެފްކޮންސް ކުންފުނިން ބްރިޖްގެ މަސައްކަތަށް ހެދި މަގެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ޕަބްލިކް ވޯކްސްއިން ކުރި ކަމަކީ ކޮންމެވެސް ތަނަކުން އެ ސަރަހައްދަށް ލައިޓް ގެނެސްގެން އެ ތަން ހެދުން ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.

އަދި ލިންކް ރޯޑުގެ އަރިމަތިން ކޮންނަމުން ދަނީ ކަރަންޓު ކޭބަލެއްގެ މަސައްކަތަށް ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.

މީގެ 22 އަހަރު ކުރިން ހެދި އައްޑޫ ލިންކް ރޯޑާއި ގުޅިފައިވާ މަގުތައް އަލުން ތަރައްގީކުރުމަށް 829.8 މިލިއަން ރުފިޔާއަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރީ އެޕްރީލް 8، 2025 ގައެވެ. ނަމަވެސް އެ މަޝްރޫއު ކުރިއަށް ނުގެންދެވުމުން، އާރްޑީސީއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކޮށް، ސެޕްޓެންބަރު 24 ގައި ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފައެވެ. އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ޑިޓުއާ ބްރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމާ ހަމައަށް އޮންނަ 12.3 ކިލޯމީޓަރުގެ ސަރަހައްދު ހަތަރު ލޭނަށް ފުޅާކޮށް ތަރައްގީކުރާނެއެވެ.

އައްޑޫ މޭޔަރު ނިޒާރު މިހެން ވިދާޅުވިއިރު، ދާދިފަހުން ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ވެސް ވަނީ ލިންކް ރޯޑުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށް ބުނެފައެވެ. 

ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ލިންކްރޯޑު މަސައްކަތް ފެށުނު ކަމަށް ބުންޏަސް، އެ މަގުގެ މަސައްކަތް އަމަލީ ގޮތުން އެއްވެސް މިންވަރަކަށް ކުރިއަށް ނުދެއެވެ. 

ލިންކް ރޯޑުއައްޑޫ މޭޔަރު ނިޒާރު
ގުޅުންހުރި ޚަބަރު
ކޮމެންޓް 0