ޝުއާއުގެ އިސްނެންގެވުމަށް ގުރުއާން ހިތުދަސްކުރާ ދަރިވަރުންނަށް ދޭ ފައިސާގެ އިނާމު ބޮޑުކޮށްފި

ޑެޕިއުޓީ މޭޔަރު ޝުއާއު ހުށަހެޅުއްވި އިސްލާހާއެކު ފައިސާގެ އިނާމު ވަނީ 5،000 ރުފިޔާއަށް މަތިކޮށްފައި. ކައުންސިލުން ފުރަތަމަ ފައިސާގެ އިނާމު ދޭން ފާސްކުރީ ވެސް ޝުއާއު ހުށަހަޅުއްވައިގެން.

ްއައްޑޫގެ ޑެޕިއުޓީ މޭޔަރު ޝުއާއު
ްއައްޑޫގެ ޑެޕިއުޓީ މޭޔަރު ޝުއާއު

އައްޑޫސިޓީގައި ގުރުއާން ހިތުދަސްކޮށް ދަސްކިޔައި ނިމޭ ދަރިވަރުންނަށް ހިތްވަރުދިނުމުގެ ގޮތުން ދޭ ފައިސާގެ އިނާމު ބޮޑުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ. 

ނޮވެންބަރު 5 ވަނަ ދުވަހު ކައުންސިލުން މި ނިންމުން ފާސްކޮށްފައިވަނީ، އައްޑޫސިޓީގައި ގާއިމުކޮށްފައިވާ ހާފިޡުން އިމްތިހާނުކުރާ ކޮމެޓީއަށް ދަސްކިޔައި ނިމޭ ކޮންމެ ދަރިވަރަކަށް ދޭ ފައިސާގެ އަދަދު ބޮޑުކުރުމަށް ޑެޕިއުޓީ މޭޔަރު ޝުއާއު ހުށަހެޅުއްވުމާ ގުޅިގެންނެވެ.

ޝުއާއު ކައުންސިލަށް ހުށަހެޅުއްވީ، ކައުންސިލުގެ ކުރީގެ ނިންމުން މުރާޖައާކޮށް، މިހާރު ދެމުން އަންނަ 2،000 ރުފިޔާގެ ބަދަލުގައި ފައިސާގެ އިނާމު 5،000 ރުފިޔާއަށް ބޮޑުކޮށްދެއްވުމަށެވެ. މީގެ އިތުރުން، ފައިސާގެ އިނާމާއެކު މިހާރުވެސް ދެމުން އަންނަ ހަނދާނީ ފިލާ ދޭ ގޮތަށް ހަމަޖައްސަވައިދެއްވުމަށް ވެސް އޭނާ ހުށަހެޅުއްވިއެވެ.

ހަމައެއާއެކު، އިނާމު ހަވާލުކުރުމުގެ އިންތިޒާމުތަކަށް ވެސް މި ހުށަހެޅުމުގެ ދަށުން ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން، ހާފިޡުން އިމްތިހާނުކުރާ ކޮމެޓީއަށް ދަސްކިޔައިދީ ނިމޭ ކޮންމެ ދަރިވަރަކަށް ވަކިން ބާއްވަމުން އައި ހިތްވަރުދިނުމުގެ އިނާމު ހަވާލުކުރާ ހަފުލާތަކުގެ ބަދަލުގައި، މިއަހަރުން ފެށިގެން އައްޑޫސިޓީ ގުރުއާން ކިޔެވުމުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން، ހިފްޒު އިމްތިހާނު ފުރިހަމަކޮށް ސަނަދު ހާސިލުކުރާ ދަރިވަރުންނަށް ހިތްވަރުދިނުމަށް ޝުއާއު ވަނީ ހުށަހަޅުއްވާފައެވެ.

އައްޑޫސިޓީގައި ގުރުއާން ހިތުދަސްކުރާ ދަރިވަރުންނަށް ކައުންސިލުން އެންމެ ފުރަތަމަ ފައިސާގެ އިނާމު ދޭން ނިންމީ 2022 ވަނަ އަހަރުއެވެ. އޭރު ވެސް އެ ހުށަހެޅުން ކައުންސިލަށް ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު ޝުއާއުއެވެ. އެ އަހަރުން ފެށިގެން ކައުންސިލުން އަމަލުކުރަމުން އައި އުސޫލުގެ ދަށުން، ގުރުއާން ހިތުދަސްކޮށް އައްޑޫސިޓީގައި ކިޔައިދީފައިވާ ދަރިވަރުންގެ ތެރެއިން އެއްވަނަ ދަރަޖައިގައި ފާސްވާ ކޮންމެ ދަރިވަރަކަށް 2،000 ރުފިޔާގެ ފައިސާގެ އިނާމަކާއި ހަނދާނީ ފިލައެއް ދެމުން އައެވެ. އަދި ދެވަނަ ދަރަޖައިގައި ފާސްވާ ކޮންމެ ދަރިވަރަކަށް ދެމުން އައީ 1،500 ރުފިޔާގެ ފައިސާގެ އިނާމަކާއެކު ހަނދާނީ ފިލައެކެވެ.

އައްޑޫ ސިޓީ ކައުންސިލްމުހައްމަދު ޝުއާއު
ގުޅުންހުރި ޚަބަރު
ކޮމެންޓް 0