އައްޑޫ ސިޓީގެ ޤުރުއާން މުބާރާތް: ހިތްގައިމު ރާގުތަކުން ހިތްތަކަށް ފިނިކަން
އިއްޔެ އައްޑޫ ސިޓީގެ ޤުރުއާން މުބާރާތް ކުރިއަށްދާ ހޯލަށް ވަނުމުން ކުރެވުނު އިހުސާސަކީ މިއެވެ. ޒަމާނުއްސުރެ ދިވެހި މުޖުތަމައުގައި ކީރިތި ގުރުއާނަށް ދެވިފައިވާ ހާއްސަ ގަދަރާއި ލޯބި، އައްޑޫ ސިޓީގެ ކުދިބޮޑު އެންމެންގެ މޫނުމަތިން މިވަނީ އަނެއްކާވެސް ފެންނަން ފެށިކަމުގެ އިހުސާސެވެ. ތުއްތު ދަރިވަރުން ސްޓޭޖު މަތީގައި އިށީނދެ، ރީތި ރާގުތަކަށް ގުރުއާން ކިޔަވަމުންދާއިރު މާހައުލަށް ވެރިވެފައިވަނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. އެ އަޑުތަކުން ލިއްބައިދޭ ރޫހީ ފިނިކަމާއެކު، ހޯލުގައި ތިބި ބެލެނިވެރިންނާއި ޓީޗަރުން އަދި ކައުންސިލް މުވައްޒަފުންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާއްދާލައެވެ. މިއީ މައިންބަފައިންނާއި ސްކޫލްތަކުން ދަރިންގެ ހިތްތަކުގައި ގުރުއާނަށް ލޯބި ޖައްސަން ކުރާ ބުރަ މަސައްކަތުގެ ފުރިހަމަ ނަމޫނާއެކެވެ.
ދަރިވަރުންގެ ފަރާތުން ވެސް ފެނުނީ އެމީހުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް އޮތް ލޯތްބެވެ.
އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ “އައްޑޫ ސިޓީ ގުރުއާން ކިޔެވުމުގެ މުބާރާތް 2026” ގެ ކިޔެވުން އިއްޔެ ވަނީ ރަސްމީކޮށް ފަށާފައެވެ. އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތަކުން ފެށި މި މުބާރާތުގެ ކިޔެވުން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި އަހަރުގެ މުބާރާތުގައި ޖުމްލަ 341 ބައިވެރިން ވާދަކުރާއިރު، އޭގެ ތެރޭގައި ބަލައިގެން ކިޔެވުމުގެ ގޮފީގައި ވާދަކުރާ 239 ބައިވެރިންނާއި ނުބަލައި ކިޔެވުމުގެ ގޮފީގައި ވާދަކުރާ 102 ބައިވެރިން ހިމެނެއެވެ.
މި މުބާރާތަކީ އައްޑޫ ސިޓީގެ ރައްޔިތުންނާއި ދަރިވަރުންގެ ހިތްތަކުގައި ކީރިތި ގުރުއާނަށް ލޯބިޖެއްސުމާއި، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ގުރުއާން ކިޔެވުމުގެ ހުނަރު އަށަގެންނެވުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުބާރާތެއް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ. އަދި ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރެވޭނެ ފަދަ ހުނަރުވެރި ދަރިންތަކެއް ބިނާކުރުމަކީވެސް މި މުބާރާތުގެ މުހިންމު އަމާޒެއް ކަމަށް އެ ކައުންސިލުން ފާހަގަކުރެއެވެ.
މުބާރާތުގައި މައިގަނޑު ގޮތެއްގައި ވާދަކުރަނީ އައްޑޫ ސިޓީގެ 9 ސްކޫލަކާއި 8 ގުރުއާން ކްލާހަކުންނެވެ. ސްކޫލްތަކުގެ ބައިން ޖުމްލަ 229 ދަރިވަރުން ބައިވެރިވެފައިވާއިރު، އެއީ ބަލައިގެން ކިޔެވުމުގެ ބައިން 143 ދަރިވަރުންނާއި ނުބަލައި ކިޔެވުމުގެ ބައިން 86 ދަރިވަރުންނެވެ. އެންމެ ގިނަ ދަރިވަރުން ބައިވެރިކޮށްފައިވަނީ ހިރާ ސްކޫލުންނާއި ޝަރަފުއްދީން ސްކޫލުންނެވެ. ހިރާ ސްކޫލުން ބަލައިގެން ކިޔެވުމުގައި 23 ދަރިވަރުން އަދި ނުބަލައި ކިޔެވުމުގައި 23 ދަރިވަރުން ހިމެނޭހެން 46 ދަރިވަރުން ވާދަކުރެއެވެ. ޝަރަފުއްދީން ސްކޫލުން 44 ދަރިވަރުން (ބަލައިގެން 24، ނުބަލައި 20) ބައިވެރިވެފައިވާއިރު، ހިތަދޫ ސްކޫލުން 31 ދަރިވަރުން (ބަލައިގެން 23، ނުބަލައި 8) އަދި ފޭދޫ ސްކޫލުން 27 ދަރިވަރުން (ބަލައިގެން 19، ނުބަލައި 8) ވާދަކުރެއެވެ. މީގެ އިތުރުން ޑްރީމްޓައިމް އައްޑޫ އިންޓަނޭޝަނަލް ސްކޫލުން 24 ދަރިވަރުން (ބަލައިގެން 17، ނުބަލައި 7)، މަރަދޫ ސްކޫލުން 22 ދަރިވަރުން (ބަލައިގެން 15، ނުބަލައި 7)، އިރުޝާދިއްޔާ ސްކޫލުން 19 ދަރިވަރުން (ބަލައިގެން 11، ނުބަލައި 8)، އައްޑޫ ހައި ސްކޫލުން 8 ދަރިވަރުން (ބަލައިގެން 4، ނުބަލައި 4) އަދި ނޫރާނީ ސްކޫލުން 8 ދަރިވަރުން (ބަލައިގެން 7، ނުބަލައި 1) މި މުބާރާތުގައި ބައިވެރިވެއެވެ.
ގުރުއާން ކްލާސްތަކުގެ ބަޔަށް ބަލާއިރު، ޖުމްލަ 100 ބައިވެރިން މި ގޮފީގައި ވާދަކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބަލައިގެން ކިޔެވުމުގެ ބައިން 86 ބައިވެރިންނާއި ނުބަލައި ކިޔެވުމުގެ ބައިން 14 ބައިވެރިންނެވެ. ކްލާސްތަކުގެ ތެރެއިން އަހިއްބާއުލް ގުރުއާނުން 25 ބައިވެރިން (ބަލައިގެން 19، ނުބަލައި 6)، އައިއާރު ގުރުއާން ކްލާހުން 18 ބައިވެރިން (ބަލައިގެން 16، ނުބަލައި 2)، ސަބީލުލް ގުރުއާން ކްލާހުން ބަލައިގެން ކިޔެވުމުގައި 16 ބައިވެރިން، އަދި ޒިޔާއުލް ގުރުއާނުން ބަލައިގެން ކިޔެވުމުގައި 14 ބައިވެރިން ވާދަކުރެއެވެ. މީގެ އިތުރުން އަހްލުލް ގުރުއާން ކްލާހުން 11 ބައިވެރިން (ބަލައިގެން 9، ނުބަލައި 2)، ތައުލީމުލް ގުރުއާނުން 7 ބައިވެރިން (ބަލައިގެން 4، ނުބަލައި 3)، ދާރުލް ނޫރު ގުރުއާން ކްލާހުން ބަލައިގެން ކިޔެވުމުގައި 7 ބައިވެރިން އަދި އާއިޝަތު ސައުދިއްޔާ ގުރުއާން ކްލާހުން 2 ބައިވެރިން (ބަލައިގެން 1، ނުބަލައި 1) ހިމެނެއެވެ.
ސްކޫލްތަކާއި ކްލާސްތަކުގެ އިތުރުން، އަމިއްލަ ގޮތުންނާއި އެހެނިހެން ގޮތްގޮތުން 12 ބައިވެރިއަކު މި މުބާރާތުގައި ކިޔަވައެވެ. އެއީ އަމިއްލަ ގޮތުން ނުބަލައި ކިޔެވުމުގެ ބައިގައި ވާދަކުރާ 2 ބައިވެރިންނާއި، ބަލައިގެން ކިޔެވުމުގެ ބައިން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ ތަމްސީލުކުރާ 4 ބައިވެރިންގެ އިތުރުން އެހެނިހެން ފަރާތްތަކުން ބަލައިގެން ކިޔެވުމުގެ ބައިގައި ވާދަކުރާ 6 ބައިވެރިއެކެވެ. މުބާރާތުގެ ފަނޑިޔާރުކަން ކުރައްވަނީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ. އިސް ފަނޑިޔާރަކަށް އައްޝައިހް ނަސްރުﷲ އަލީ ހަމަޖައްސަވާފައިވާއިރު، ފަނޑިޔާރުންގެ ޕެނަލްގައި ދެން ހިމެނިވަޑައިގަންނަވަނީ އައްޝައިހް އަހްމަދު ރިޔާޟް އަދި އައްޝައިހް އަލީ ޝަހީދެވެ.
މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި މުބާރާތުގެ ކިޔެވުންތައް އަޑުއަހާލަން އެއްވާ ކޮންމެ ބެލެނިވެރިއެއްގެ އަދި މުދައްރިސެއްގެ ހިތުގައި އޮތީ އެންމެ ޝުކުރެކެވެ. އެއީ ދަރިންގެ ހިތްތަކުގައި ގުރުއާނުގެ ނޫރު އަށަގެންނެވުމަށްޓަކައި އައްޑޫ ސިޓީ ކައުންސިލުން ފަހިކޮށްދިން މި އަގުހުރި ފުރުސަތަށްޓަކައި އެ ކައުންސިލަށް ހައްގުވާ ތައުރީފާއި ޝުކުރެވެ.