އައްޑޫ ސިޓީގެ ފަޅުން ވެލި ނެގުމުގެ ހުއްދަ ދޫކުރުމުގެ އުސޫލު އާންމުކޮށްފި

އުސޫލަށް އަމަލުކުރަން ފަށާނީ އާންމުކުރި ތާރީހުން ފެށިގެން 60 ދުވަސް ފަހުން

އައްޑޫ ސިޓީ. ފޮޓޯ: ވޮއިސް
އައްޑޫ ސިޓީ. ފޮޓޯ: ވޮއިސް

އައްޑޫ ސިޓީ ކައުންސިލުން އެ ސިޓީގެ ފަޅުން ވެލި ނެގުމުގެ ހުއްދަ ދޫކުރުމުގެ އުސޫލު އިއްޔެ އާންމުކޮށްފިއެވެ. މި އުސޫލަށް އަމަލުކުރަން ފަށާނީ އުސޫލު އާންމުކުރި ތާރީހުން ފެށިގެން 60 ދުވަސް ފަހުން ކަމަށާއި، މި އުސޫލުގެ ދަށުން ދުވާލަކަށް ނެގޭނީ ގިނަވެގެން 1،000 ބަސްތާގެ ވެލި ކަމަށް ކަނޑައަޅާފައިވެއެވެ.

މި އުސޫލުގެ ދަށުން ވެލި ނެގުމުގެ ހުއްދަ ދޫކުރާނީ އައްޑޫ ސިޓީގައި ރަސްމީކޮށް ރަޖިސްޓަރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި ކުންފުނިތަކަށް އެކަންޏެވެ. އަދި ވެލި ނެގޭނީ ކައުންސިލުން ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަކުން އެކަނި ކަމަށާއި، އެ ނޫން ތަންތަނުން ވެލި ނެގުމަކީ މަނާ ކަމެއް ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ. މީގެ އިތުރުން، މިގޮތަށް ނަގާ ވެލި ބޭނުންކުރެވޭނީ ހަމައެކަނި އައްޑޫ ސިޓީގެ އިމާރާތްކުރުމާއި އެއާ ގުޅުންހުރި ބޭނުންތަކަށް ކަމަށާއި، ސިޓީން ބޭރަށް ވެލި ވިއްކުމާއި ގެންދިއުމަކީ މަނާ ކަމެއް ކަމަށް ވެސް ކަނޑައަޅާފައިވެއެވެ.

އުސޫލުގެ ދަށުން އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރާ މި ހުއްދައިގެ ކޮޕީއެއް، ވެލި އުފުލާ ދޯންޏާއި ރަޖިސްޓަރީކޮށްފައިވާ ޕިކަޕު ނުވަތަ ލޮރީގައި ހުރިހާ ވަގުތެއްގައި ވެސް ބާއްވަންޖެހޭނެއެވެ. އަދި ހުއްދަ އާކުރަން އެދޭ ފަރާތްތަކުން މުއްދަތު ހަމަވުމުގެ މަދުވެގެން 60 ދުވަސް ކުރިން އެކަމަށް ހުށަހަޅަންޖެހެއެވެ. މި ހުއްދަ ނަގާއިރު ފުރަތަމަ ފީއެއްގެ ގޮތުގައި 500 ރުފިޔާ ދައްކަންޖެހޭއިރު، ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކަމާބެހޭ އަވަށު އޮފީހަށް މަހު ފީގެ ގޮތުގައި 500 ރުފިޔާ ދައްކަންޖެހެއެވެ. 

ނޯޓިސް ދޭތާ ފަސް ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ހުއްދަ ބާތިލުކުރެވޭނެ ކަމަށާއި، އުސޫލާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ ކަމަށް ކަނޑައަޅާފަވެއެވެ.

އައްޑޫ ސިޓީ ކައުންސިލް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0