އައްޑޫގެ މަގު ސާފުކުރާ އުޅަނދުތައް ބޭނުން ނުކުރެވެނީ އެލްޖީއޭގެ ސަބަބުން

ބަރު އުޅަނދުތައް ދުއްވަން އޮޕަރޭޓަރަކާއި އެހީތެރިއަކު ބޭނުންވި ނަމަވެސް އެލްޖީއޭގެ ހުއްދަ އަދިވެސް ނުލިބޭކަމަށް ނިޒާރު ވިދާޅުވި.

އައްޑޫގެ މަގު ސާފުކުރާ އުޅަނދުތައް ބޭނުން ނުކުރެވެނީ އެލްޖީއޭގެ ސަބަބުން

އައްޑޫ ސިޓީގެ މަގުތައް ސާފުކުރާ އުޅަނދުތައް ބޭނުން ނުކުރެވި އޮތީ އެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ ހުއްދަ ނުލިބިގެން ކަމަށް އަލީ ނިޒާރު ވިދާޅުވެއްޖެއެވެ. 

ނިޒާރު މިހެން ވިދާޅުވީ މިއަދު ބޭއްވި ކައުންސިލްގެ ޖަލްސާގައެވެ.

އައްޑޫ ސިޓީގެ މަގު ސާފުކުރާ އުޅަނދުތައް މަސައްކަތް ނުކުރަނީ ކީއްވެގެންތޯ ކައުންސިލަރު ޒަރީރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނިޒާރު ވިދާޅުވި ގޮތުގައި، އެ އުޅަނދުތަކަކީ ބަރު އުޅަނދުތަކަކަށް ވާތީ އެ ތަކެތި ބޭނުންކުރުމަށް އޮޕަރޭޓަރަކާއި އެހީތެރިއަކު ބޭނުންވެއެވެ.

އެ މަގާމުތަކަށް މުވައްޒަފުން ނެގުމަށް މީގެ ކުރިން މަސައްކަތްކުރި ކަމަށް ނިޒާރު ވިދާޅުވިއެވެ. ނަމަވެސް އޭރު ދައުރު ނިމެން ކައިރިވެފައި އޮތުމުން، ގާނޫނު އޮތް ގޮތުން މުވައްޒަފުން ނެގުން މަނާވެފައި އޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އައު ދައުރު ފެށުނު ފަހުން މުވައްޒަފުން ނެގުމުގެ ކުރިން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށާއި، އެ ހުއްދަ އެ އޮތޯރިޓީން އަދިވެސް ދީފައި ނުވާ ކަމަށް ނިޒާރު ވިދާޅުވިއެވެ.

ކައުންސިލްތަކަށް އައު މުވައްޒަފުން ނެގުމުގެ ކުރިން އެލްޖީއޭގެ ލިޔުމުން ހުއްދަ ހޯދަން އެ އޮތޯރިޓީން ވަނީ އަންގާފައެވެ. އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ނިމާލް ކައުންސިލްތަކަށް ފޮނުއްވި ސިޓީތަކުގައި ވިދާޅުވެފައިވަނީ ދައުލަތުގެ ބަޖެޓުންނާއި ކައުންސިލްތަކުގެ އާމްދަނީން މުސާރަ ދޭ ގޮތަށް ނަގާ މުވައްޒަފުންނަށް ވެސް އެ އުސޫލު ހިނގާނެ ކަމަށެވެ. 


އައްޑޫ ސިޓީއަލީ ނިޒާރު
ގުޅުންހުރި ޚަބަރު
ކޮމެންޓް 0