މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތަކެއް ކުރެވިއްޖެ: ރައީސް

މީގެ ތިން އަހަރު ކުރިއަށް ބަލާއިރު، މަސްވެރިކަމުގެ ސިނާއަތް އޮތީ ވަރަށް ބޮޑަށް ހީނަރުވެ، އަނދަވަޅެއްގެ ތެރޭގައި ނަމަވެސް މިއަދު އެ ރާސްތާ ބަދަލުކުރެވިއްޖެކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު.

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތް ކޮޅަށްޖަހައި އާންމު ރައްޔިތުންނަށް ފައިދާ ހޯދައިދިނުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާއިރު، ކުރިއަށް އޮތީވެސް އެފަދަ ދުވަސްތަކެއް ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދެއްވައިފިއެވެ.

އުންމީދީ ރޫހެއްގައި އެމަނިކުފާނު މި ޔަގީންކަންދެއްވައި ވާހަކަފުޅުދައްކަވާފައި ވަނީ، ރައްޔިތުންގެ ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ވޭތުވެދިޔަ އަހަރު ސަރުކާރުން ވެރިކަން ހިންގުމުގައި ހޯދި ކާމިޔާބީ ފާހަގަކުރުމަށްޓަކައި ބޭއްވި ހަފުލާގައެވެ.  

ދިވެހިރާއްޖޭގެ އިގުތިސާދު ހަރުދަނާކުރުމަށް އަދުގެ ސަރުކާރުން މިހާތަނަށް ކުރައްވާފައިވާ، އަދި މިހާރުވެސް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތަކީވެސް އެމަނިކުފާނުގެ ސަރުކާރުން ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާ ދާއިރާއެއް ކަމުގައެވެ. 

މީގެ ތިން އަހަރު ކުރިއަށް ބަލާއިރު، މަސްވެރިކަމުގެ ސިނާޢަތް އޮތީ ވަރަށް ބޮޑަށް ހީނަރުވެ، އަނދަވަޅެއްގެ ތެރޭގައި ނަމަވެސް މިއަދު އެ ރާސްތާ ބަދަލުކުރެވިއްޖެކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޮތީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި، ލަސްވެފައި އޮތުން ކަމުގައިވީނަމަވެސް، މިއަދާ ހަމަޔަށް 2.3 ބިލިއަން ރުފިޔާ މަސްވެރިންނަށް ދެވިއްޖެކަމަށާ، މީގެތެރެއިން 1.3 ބިލިއަން ރުފިޔާއަކީ، އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް، މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ދީ ހަލާސްކުރެވިފައިވާ ފައިސާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިމޭރުމުން، މަސްވެރިންނަށް އަދުގެ ސަރުކާރުން ފަހިކޮށްދެއްވާ މާލީ ފުރުޞަތުތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މިރޮނގުން އިތުރު ވަޢުދުފުޅުތައް ފުއްދެވުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށާ، މިއީ މި ދައުރުގެ ތެރޭގައި ނިމި، މަސްވެރިކަމުގެ ސިނާޢަތަށް އިންގިލާބީ ކުރިއެރުންތަކެއް ގެނެސްދޭނެ ކަންތައްތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިފަދަ މަސައްކަތްތަކުގެ ސަބަބުން، އޮޑިވެރިންނަށްވެސް ފައިދާތަކެއް ވަމުންދާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިފަދައިން ދައްކަވާ ވާހަކަފުޅުތަކަކީ ޙަޤީޤަތެއް ނެތި ދައްކަވާ ވާހަކަފުޅުތަކެއް ނޫން ކަމަށާ، މިއީ ނަތީޖާ ލިބި، ހަގީގަތުގައިވެސް ފައިދާ ވަމުންދާ ކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މަސްވެރިކަމުގެ ސިނާޢަތެކޭ އެއްފަދައން، ދަނޑުވެރިކަމުގެ ސިނާއަތަކީވެސް އަދުގެ ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދޭ ދާއިރާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ކުރިން މާ ބޮޑު އަޅައިލުމެއް ދެވިފައި ނެތް ނަމަވެސް، ދަނޑުވެރިކަމުގެ ސިނާއަތަކީ ކާބޯތަކެތީގެ ކަވަރުކަން ހޯދުމަށާއި، އިގުތިސާދު ފުޅާކުރުމަށްވެސް މުހިންމު ދާއިރާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން، ގާނޫނީ އަދި މާލީ ނިޒާމުގެ ތެރެއިން ކަންތައްތަކެއް ތައާރަފުކުރެވިފައިވާކަމަށާ، ކުރިއަށް އޮތް 2027 ވަނަ އަހަރަކީވެސް ދަނޑުވެރިކަމުގެ ސިނާއަތުގެ ތެރެއިން މިފަދަ ގިނަ ކަންތައްތަކެއް ފަހިވެގެންދާނެ އަހަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް މުޢިއްޒުރައީސުލްޖުމްހޫރިއްޔާރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ގުޅުންހުރި ޚަބަރު
ކޮމެންޓް 0