އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ސަރުކާރުން ސާބިތުކަންމަތީ ދެމިއޮންނާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަށަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަށަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން.

އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާތަކަކީ، އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ބޮޑު ޖަރީމާއެއްކަން ފާހަގަކުރައްވައި، އެފަދަ އަނިޔާތަކުން ރައްކާތެރިކަން ހޯދައިދިނުމަށާއި، އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ކަށަވަރުކޮށްދިނުމުގައި މި ސަރުކާރު ސާބިތުކަންމަތީ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މި ޔަޤީންކަން ދެއްވީ، ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ، އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގެ ދުވަހާ ގުޅިގެން ދެއްވި ޚިތާބުގައެވެ.

މި އަހަރުގެ ޝިޢާރު ކަމުގައިވާ، "ޔުނައިޓް ޓު އެންޑް ވައިލެންސް އެގެއިންސްޓް ވިމެން އެންޑް ގާރލްސް: އެންޝުއަރ ޖަސްޓިސް، ޕްރޮޓެކްޓް ސަރވައިވަރސް އެންޑް އިމްޕިޔުނިޓީ" (އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވަން އެންމެން އެކީގައި: އިންސާފު ކަށަވަރުކޮށް، އަނިޔާ ލިބޭ މީހުން ހިމާޔަތްކޮށް، ކުށްވެރިންނަށް ހައްޤު އަދަބު ދިނުން) ގެ މައްޗަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި އަންހެނުންނަށް ރައްކާތެރިކަން ދިނުމަށްޓަކައި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި، ޖިންސީ ކުށުގެ ގާނޫނާއި، ޖިންސީގޯނާ އަދި ޖިންސީ ފުރައްސާރަ ހުއްޓުވުމުގެ ޤާނޫނުގެ އިތުރުން، ގާނޫނުލްޢުޤޫބާތުގެ ދަށުން މިކަންކަން ކަށަވަރުކުރުމަށް ވަރުގަދަ ބިންގަލެއް އެޅިފައިވާ ކަމުގައެވެ. 

އަދި މި ޤާނޫނީ ރައްކާތެރިކަމަކީ، ޙަޤީޤީ މާނައިގައި އަނިޔާ ލިބޭ ކޮންމެ ފަރާތަކަށް ލިބޭ ރައްކާތެރިކަމަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، އަނިޔާގެ މައްސަލަތައް ރިޕޯޓުކުރުމުގައި ހަރުދަނާ އުސޫލުތައް އެކުލަވާލުމާއި، ހިޔާވަހިކަމެއް ނެތި އެއްވެސް އަންހެނަކު ނުވަތަ އަންހެން ކުއްޖަކު ނުބެހެއްޓުމަށްޓަކައި ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ޚާއްސަ ރައްކާތެރި ހިޔާތައް ބިނާކުރައްވަމުން ގެންދަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، އަނިޔާ ލިބޭ ފަރާތްތަކަށް އިޙްތިރާމާއި ޢަދުލުވެރިކަމާއެކު އަވަސް ފިޔަވަޅުތަކެއް އެޅޭކަން ކަށަވަރުކުރުމަށްޓަކައި، މިދާއިރާގެ ކުރީ ސަފުގައި މަސައްކަތްކުރާ ޚިދުމަތްތެރިންނާއި، ތަޙުޤީޤީ އިދާރާތަކާއި، ޢަދުލު އިންސާފު ޤާއިމުކުރުމުގެ ޤާބިލުކަން އިތުރުކޮށް، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމަ މިފަދައިން، އަނިޔާ ހުއްޓުވުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅަކީ، އަނިޔާ ލިބުމުގެ ކުރިން ރައްކާތެރިވުން ކަމަށްވާއިރު، އިންޓަނެޓާއި ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ކުރާ ގޯނާއާއި ފުރައްސާރައިން އަންހެނުން ރައްކާތެރިކުރުމަށްޓަކައި، އިޤްތިޞާދީގޮތުންނާއި،އިޖުތިމާޢީގޮތުން، އަދި މުއައްސަސާތަކުގެ ތެރޭގައި ހުރި ހުރަސްތައް ނައްތާލައި އަންހެނުން ބާރުވެރިކުރުވުމަށް މުހިންމު އިސްކަމެއްދެއްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމަ މިޔާއެކު، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމުގެ ތަސައްވުރުގެ ދަށުން ސަރުކާރުން މިކަންކަމަށް ޚާއްސަ އިސްކަމެއް ދީގެން، ސިޔާސަތުތައް އެކަށައަޅައި، ޕްރޮގްރާމްތައް ހިންގަވަމުން ގެންދަވަނީ، ކުށްކުރާ ފަރާތްތައް ޒިންމާދާރުކުރުވައި، އަދަބު ނުލިބި ސަލާމަތްވުމުގެ ފުރުސަތު ނައްތާލުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަކީ ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ޖަމުޢިއްޔާތަކާއި، ވިޔަފާރިތަކުގެ އިތުރުން މުޅި މުޖުތަމަޢު ގުޅިގެން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، ބިރުވެރިކަމެއް ނެތި، އަބުރުވެރިކަމާއެކު އަންހެނުންނަށް ދިރިއުޅެވޭނެ މާޙައުލެއް ހޯދައިދިނުމަށް އެންމެން އެކުގައި ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚިތާބު ނިންމަވާލައްވަމުން، އިލްތިމާސްކުރައްވާފައި ވެއެވެ.

މިޝުޢޫރުތައް ތަކުރާރުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ޙިއްސާކުރެއްވި ޕޯސްޓުގައި، ކޮންމެ އަންހެނަކާ އަންހެން ކުއްޖަކުވެސް، ބިރުވެރިކަމެއް ނެތި، ހުރިހާ ބާވަތެއްގެ އަނިޔާއިން ރައްކާތެރިވެ، ދިރިއުޅެވޭނެ ޤައުމެއްގެ ގޮތުގައި ދިވެހި ޤައުމު ބިނާކުރުމަށް އެންމެން އެކަތިގަނޑަކަށް ވުމަށްވެސް ގޮވާލައްވާފައިވެއެވެ.

ރައީސް މުޢިއްޒުރައީސުލްޖުމްހޫރިއްޔާރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ގުޅުންހުރި ޚަބަރު
ކޮމެންޓް 0