ދިވެހީންނަކީ ހައިބަވަންތަ ވެރިކަމެއްގެ މަތީގައި ތިބި ބައެއްކަން ތާރީހުން އެނގޭ: ވަޒީރު ހީނާ

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދިވެހި ދައުލަތުގެ ދޮށިކަމާއި ވެރިކަމުގެ ސިފަތަކުގެ މައްޗަށް ވަޒީރު އަލިއަޅުއްވާލެއްވި.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވާހަކަ ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވާހަކަ ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ދިވެހީންނަކީ ހައިބަވަންތަ ވެރިކަމެއްގެ މަތީގައި ތިބި ބައެއްކަން ތާރީހުން އެނގޭ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. 

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ތާރީހު އަންގައިދެނީ ދިވެހީންނަކީ ގަދީމީ އަދި ހައިބަވަންތަ ވެރިކަމެއްގެ މަތީގައި ތިބި ބައެއް ކަމަށެވެ. އަދި މީގެ 1،500 އަހަރަށް ވުރެ ކުރީއްސުރެ ދިވެހި ވެރިކަމުގެ ހަބަރުތައް ފެންނަން ހުރުމުން ދިވެހި ދައުލަތުގެ ދޮށިކަން އަންގައިދޭ ކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ.

ޖުމްހޫރީ ނިޒާމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ޖުމްހޫރިއްޔަތަކީ ރައްޔިތުންގެ އަމިއްލަވަންތަކަމާއި، ކަރާމާތާއި، މިނިވަންކަމާއެކު ބަސްބުނުމުގެ ހައްގު ޔަގީންކޮށްދޭ ނިޒާމެއް ކަމަށެވެ. އަދި އެއީ ކޮންމެ މީހެއްގެ އަބުރާއި ކަރާމާތް ރައްކާތެރިކުރެވި، ވެރިކަމުގައި ރައްޔިތުންނަށް ބައިވެރިވެވޭ ވެރިކަމުގެ ނިޒާމެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. 

މީގެ އިތުރުން، ޖުމްހޫރީ ވެރިކަމެއްގެ އެންމެ ބޮޑު ފައިދާއަކީ ވެރިކަން ހިންގުމުގައި ސީދާގޮތުންނާއި ނުސީދާ ގޮތުން ރައްޔިތުންނަށް ބައިވެރިވެވުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ޖުމްހޫރީ ފިކުރަކީ ދިވެހީންގެ ތެރެއަށް ތާރީހުގެ ވަރަށް ފަހުގެ ޒަމާނެއްގައި ތައާރަފުވި ފިކުރެއް ނަމަވެސް، ދިވެހީންގެ ތެރޭގައި އޮތް ވެރިކަމަކީ ޖުމްހޫރީ ވަރަށް ގިނަ ސިފަތައް އެކުލެވިފައި އޮތް ވެރިކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއީ ގައުމެއްގެ ގޮތުން ދިވެހީންނަށް ލިބިފައިވާ ފަހުރެއް އަދި ޝަރަފެއް ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ ރައްޔިތުންގެ އަހުލާގާއި ގައުމީ ވާޖިބުތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ. 

“ޖުމްހޫރީ ވެރިކަމެއްގެ ބިންގަލަކީ ރައްޔިތުންކަމުގާ ވީ ހިނދު އޭގެ ތަރަހަޔަކީވެސް ހަމަ ތިޔަ ލޮބުވެތި ރައްޔިތުންކަމުގާ ވީހިނދު އަޅުގަނޑުމެންނަކީ މުރުއްވަތްތެރި އަހުލާގެއްގެ ވެރި ބަޔަކަށް ވާންޖެހޭ ކަމުގައި ކާބަފައިންވެސް މިވަނީ އިލްތިމާސްކުރައްވާފައި." ވަޒީރު ވިދާޅުވިއެވެ. 

އަނެކުންނާ ރީތިކޮށް މުއަމާލާތްކޮށް އުޅޭ އަނެކާގެ ގަދަރާއި އިހުތިރާމަށް ވިސްނަން ދަންނަ ބަޔަކަށްވެ، ގައުމަށް ހުރުމަތްތެރިކޮށް ހިތުމަށާއި އިހުލާސްތެރިކަން އިސްކުރުމަށްވެސް ހަނދާން ބަހައްޓަން ޖެހޭކަމަށް ކާބަފައިން ގޮވާލައްވާފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިފަދަ ދުވަހެއްގައި މިއީ ވިސްނާލަންޖެހޭ މުހިއްމު ކަމެއް ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ހަމައެއާއެކު، ޖަމާއަތެއްގެ ތެރޭގައިވާ ވަކިވަކި ފަރުދުން އެ ޖަމާއަތަށްޓަކައި ކޮށްދެއްވި ކަންކަމުގެ އަގުވަޒަންކުރުމަކީ ޖަމާއަތުގެ ލާބަޔާއި ކުރިއެރުމަށްޓަކައި މުހިންމު ކަމެއް ކަމަށް ވަޒީރު ހީނާ ވިދާޅުވިއެވެ. 

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ޖަލްސާގައި، ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންނަށް ވަނީ އިނާމު ދެއްވާފައެވެ.

ޖުމްހޫރީ ދުވަސްޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދުވަޒީރު ހީނާ ވަލީދުހީނާ ވަލީދު
ގުޅުންހުރި ޚަބަރު
ކޮމެންޓް 0