ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ނޮވެންބަރު 19 ގައި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދެއްވުން މި ޖަލްސާގައި އޮންނާނެ

މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ، އަންނަ ނޮވެންބަރު މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެރޭ ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

މި ޖަލްސާ އޮންނާނީ، އެރޭ 8:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދެއްވުން މި ޖަލްސާގައި އޮންނާނެއެވެ. ހާއްސަ އިނާމަކީ، އިލްމާއި ހުނަރާއި، އުފެއްދުންތެރިކަމުގެ ރޮނގުން ހިތްވަރާއެކު ހޯދާ ކާމިޔާބީ، ގައުމީ ފެންވަރުގައި ވަޒަންކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ. 

މި އިނާމު ލިބޭ ފަރާތްތައް ހޮވަނީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ ހާއްސަ އިނާމާބެހޭ ކޮމިޓީންނެވެ. ހާއްސަ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ މި ޖަލްސާގައި، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުވެސް ދެއްވާނެއެވެ. މިއީ، 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާއެކުގައި ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން، ގައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ. ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ ޝަރަފުގެ ބެޖަކާއި، އައްޑަނައަކާއި ހަނދާނީ ލިޔުމެކެވެ.

ދައުލަތަށް ހިދުމަތްކުރުމުގެ އިނާމަށް ބޭފުޅުން ހޮވަނީ، ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

ރައީސް މުޢިއްޒުރައީސްރައީސުލްޖުމްހޫރިއްޔާރައީސް ޑރ. މުޢިއްޒުޖުމްހޫރީ ދުވަސްޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ
ގުޅުންހުރި ޚަބަރު
ކޮމެންޓް 0