އައްޑޫ ޤުރުއާން މުބާރާތް: އައްޑޫ ހައި ސްކޫލްގެ އިޝްރާން އާއި އަރީކް 1 ވަނަ އަށް
އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި އައްޑޫ ސިޓީ ގުރުއާން ކިޔެވުމުގެ މުބާރާތުގެ ސްކޫލްތަކުގެ ކެޓަގަރީގައި ބަލައިގެން ކިޔެވުމާޢި ނުބަލައި ކިޔެވުމުގެ ބައިން 1 ވަނަ އައްޑޫ ހައި ސްކޫލުގެ 2 ދަރިވަރަކު ހޯދައިފިއެވެ.
އެގޮތުން ބަލައިގެން ކިޔެވުމުގެ ބައިން 1 ވަނަ ހޯދީ، އެ ސްކޫލްގެ ދަރިވަރު ފާތިމަރު އިޝްރާން އަލީ ޡަރީފެވެ. އިޝްރާން ވަނީ މީގެ އިތުރުން ބައިވެރިވި އުމުރުފުރާ 21 އަހަރުން ދަށުގެ ބައިން ބަަލައިގެން ކިޔެވި ދަރިވަރުންގެ ތެރެއިން ވެސް 1 ވަނަ ހާސިލްކޮށްފައެވެ.
މުބާރާތުގައި ސްކޫލްތަކުގެ ކެޓަގަރީގައި ނުބަލައި ކިޔެވުމުގެ ބައިން 1 ވަނަ ހޯދީ، އައްޑޫ ހައި ސްކޫލްގެ ދަރިވަރު އަރީކް ހާދީ މުޙައްމަދުއެވެ. އަރީކް ވެސް ވަނީ އޭނާ ވާދަކުރި، 21 އަހަރުން ދަށުގެ ބައިން ނުބަލައި ކިޔެވި ދަރިވަރުންގެ ތެރެއިން ވެސް 1 ވަނަ ހޯދާފައެވެ.
އަރީކް އަކީ ދާދި ފަހުން އައްޑޫގައި ބޭއްވި ބަލަދު ބަންގި ގޮވުމުގެ މުބާރާތުގެ ޝަރަފުވެރި އެއްވަނަ މަޤާމު ޙާސިލްކުރި ދަރިވަރު ވެސް މެއެވެ.
ނޮވެންބަރު 15 ގައި ރަސްމީކޮށް ފެށި މި މުބާރާތުގައި ޖުމްލަ 341 ބައިވެރިން ވާދަކޮށްފައިވާއިރު، އައްޑޫ ސިޓީގެ 9 ސްކޫލަކުން 229 ދަރިވަރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ބައިވެރިވީ 46 ބައިވެރިންނާއެކު ހިރާ ސްކޫލުންނާއި 44 ބައިވެރިންނާއެކު ޝަރަފުއްދީން ސްކޫލުންނެވެ. ދެން މި މުބާރާތުގައި ދަރިވަރުން ވާދަކުރި ސްކޫލްތަކަކީ 31 ބައިވެރިންނާއެކު ހިތަދޫ ސްކޫލް، 27 ބައިވެރިންނާއެކު ފޭދޫ ސްކޫލް، 24 ބައިވެރިންނާއެކު ޑްރީމްޓައިމް އައްޑޫ އިންޓަނޭޝަނަލް ސްކޫލް، 22 ބައިވެރިންނާއެކު މަރަދޫ ސްކޫލް، 19 ބައިވެރިންނާއެކު އިރުޝާދިއްޔާ ސްކޫލް އަދި 8 ބައިވެރިންނާއެކު އައްޑޫ ހައި ސްކޫލާއި ނޫރާނީ ސްކޫލެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނި ގޮތުގައި، މި މުބާރާތުގެ މަގުސަދަކީ ރައްޔިތުންނާއި ދަރިވަރުންގެ ހިތްތަކުގައި ގުރުއާނަށް ލޯބިޖެއްސުމާއި، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކިޔެވުމުގެ ހުނަރު އަށަގެންނެވުމުގެ އިތުރުން ގައުމީ މުބާރާތްތަކަށް ހުނަރުވެރި ދަރިންތަކެއް ބިނާކުރުމެވެ.