އައްޑޫ ޤުރުއާން މުބާރާތް: ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ހިތަދޫ ސްކޫލަށް
މި އަހަރުގެ މުބާރާތުގައި 9 ސްކޫލަކާއި 8 ގުރުއާން ކްލާހަކުން ޖުމްލަ 341 ބައިވެރިން ވާދަކުރި
އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި އައްޑޫ ސިޓީ ގުރުއާން ކިޔެވުމުގެ މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ހިތަދޫ ސްކޫލުން ހޯދައިފިއެވެ.
ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ ހާސިލް ކުރީ އައްޑޫ ހައި ސްކޫލުންނެވެ. އަދި 3 ވަނަ ހޯދީ ހިރާ ސްކޫލުންނެވެ.
ނޮވެންބަރު 15 ގައި ރަސްމީކޮށް ފެށި މި މުބާރާތުގައި ޖުމްލަ 341 ބައިވެރިން ވާދަކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 239 ބައިވެރިން ވާދަކުރިއެވެ.
މި މުބާރާތުގައި އައްޑޫ ސިޓީގެ 9 ސްކޫލަކުން 229 ދަރިވަރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ބައިވެރިވީ 46 ބައިވެރިންނާއެކު ހިރާ ސްކޫލުންނާއި 44 ބައިވެރިންނާއެކު ޝަރަފުއްދީން ސްކޫލުންނެވެ. ދެން މި މުބާރާތުގައި ދަރިވަރުން ވާދަކުރި ސްކޫލްތަކަކީ 31 ބައިވެރިންނާއެކު ހިތަދޫ ސްކޫލް، 27 ބައިވެރިންނާއެކު ފޭދޫ ސްކޫލް، 24 ބައިވެރިންނާއެކު ޑްރީމްޓައިމް އައްޑޫ އިންޓަނޭޝަނަލް ސްކޫލް، 22 ބައިވެރިންނާއެކު މަރަދޫ ސްކޫލް، 19 ބައިވެރިންނާއެކު އިރުޝާދިއްޔާ ސްކޫލް އަދި 8 ބައިވެރިންނާއެކު އައްޑޫ ހައި ސްކޫލާއި ނޫރާނީ ސްކޫލެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނި ގޮތުގައި، މި މުބާރާތުގެ މަގުސަދަކީ ރައްޔިތުންނާއި ދަރިވަރުންގެ ހިތްތަކުގައި ގުރުއާނަށް ލޯބިޖެއްސުމާއި، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކިޔެވުމުގެ ހުނަރު އަށަގެންނެވުމުގެ އިތުރުން ގައުމީ މުބާރާތްތަކަށް ހުނަރުވެރި ދަރިންތަކެއް ބިނާކުރުމެވެ.