ހިތަދޫ ސްކޫލުން ނަމާދު ކޭމްޕެއް ބާއްވައިފި

ހިތަދޫ ސްކޫލުން ނަމާދު ކޭމްޕެއް ބާއްވައިފި

ވުޟޫކުރުމާއި ނަމާދުކުރަން އަމަލީ ގޮތުން ދަސްކޮށްދީ ފަރުޟު ނަމާދަށް ދަރިވަރުން އަހުލުވެރިކުރުވުމަށް ހިތަދޫ ސްކޫލުން ހާއްސަ ކޭމްޕެއް ބާއްވައިފިއެވެ. 

އެ ސްކޫލުން މި ކޭމްޕް ބާއްވައިފައިވަނީ ގްރޭޑް 1، 2 އަދި 3ގެ ދަރިވަރުންނަށް އަމާޒުކޮށްގެންނެވެ. 

ހިތަދޫ ސްކޫލުން ބުނީ މި ހަރަކާތަކީ ކުދިން ޝައުގުވެރިވާ ފަދަ އުފާވެރި ހަރަކާތްތަކެއްގެ ތެރެއިން ނަމާދަށް ލޯބިޖެއްސުމަށް ފަހިކޮށްދެވުނު ފުރުސަތެކެވެ.

މި ކޭމްޕްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އަމަލީ ގޮތުން ވުޟޫކުރުމާއި ނަމާދުކުރުމުގެ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދިނުމަށެވެ. މީގެ އިތުރުން، ދަރިވަރުންގެ އިސްލާމީ މައުލޫމާތު މުއްސަނދިކުރުމަށާއި، ނަމާދުގައި ކިޔަންޖެހޭ މުހިންމު ދުއާތަކާއި ޒިކުރުތައް ހިތުދަސްކޮށްދިނުމަށް ވެސް މި ކޭމްޕްގެ ތެރެއިން ވަނީ މަސައްކަތްކޮށްފައެވެ.

ހަމައެއާއެކު، ނަމާދުކުރުމުގައި އާންމުކޮށް ހެދޭ ގޯސްތައް ދެނެގަނެ، އެކަންކަން ރަނގަޅުކުރުމަށް ދަރިވަރުންނަށް ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެ ދުވަހަކު ވެސް ފަރުޟު ފަސް ނަމާދު ގަވާއިދުން އަދާކުރުމުގެ އާދަ ކުދިންގެ ކިބައިގައި ހަރުލެއްވުމަށް ބާރުއަޅާފައިވާ ކަމަށް ހިތަދޫ ސްކޫލުން ބުންޏެވެ. މިފަދަ ކޭމްޕްތައް ބޭއްވުމުގެ މަޤްސަދަކީ ތުއްތު ދަރިވަރުންގެ ހިތްތަކުގައި ނަމާދަށް އޮންނަ ލޯބި އިތުރުވެ، މުޅި އުމުރުގައި ވެސް ނަމާދު ގާއިމުކުރާ ބަޔަކަށް އެ ކުދިން ވުމަކީ މި ހަރަކާތުގެ މައިގަނޑު އަމާޒު ކަމަށް ވެސް ހިތަދޫ ސްކޫލުން ވަނީ ބުނެފައެވެ.

ހިތަދޫ ސްކޫލް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0