އައްޑޫ ސިޓީ ބެޑްމިންޓަން ފިއެސްޓާގެ ޗެމްޕިއަންކަން މައިލޯ ސިޓީއަށް

މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މައިލޯ ސިޓީ ސްޕޯޓްސް ކްލަބު. ފޮޓޯ: މައިލޯ ސިޓީ ސްޕޯޓްސް ކްލަބް
މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މައިލޯ ސިޓީ ސްޕޯޓްސް ކްލަބު. ފޮޓޯ: މައިލޯ ސިޓީ ސްޕޯޓްސް ކްލަބް

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "އައްޑޫ ސިޓީ ބެޑްމިންޓަން ފިއެސްޓާ 2026" ގެ ޓީމް އިވެންޓްގެ ޗެމްޕިއަންކަން، މައިލޯ ސިޓީ ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

މިއީ ގިނަ ކުޅިވަރުތަކެއްގައި ވާދަކުރަމުން އަންނަ މައިލޯ ސިޓީން ބެޑްމިންޓަންގައި ވާދަކުރި ފުރަތަމަ ފަހަރެވެ. މި ކާމިޔާބީއާއެކު އެ ކްލަބުގެ ތާރީހުގައި މިވަނީ އައު ސަފްހާއެއް ލިޔެފައެވެ.

އައްޑޫ ހިތަދު ޔޫތު ސެންޓަރުގެ ބެޑްމިންޓަން އެރީނާގައި ރޭ ކުޅުނު މުބާރާތުގެ ޓީމް އިވެންޓްގެ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު މައިލޯ ސިޓީން ވަނީ އެފްސީ ޒެފިއާ ބަލިކޮށްފައެވެ.

ރޭގެ މެޗަށްފަހު މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް މެޑެއްޔާއި، ޓްރޮފީއާއި ހަނދާނީ ލިޔުމުގެ އިތުރުން ފައިސާގެ އިނާމު ދީފައިވާއިރު، ޗެމްޕިއަން ޓީމަށް އިނާމު ހަވާލުކޮށްދެއްވީ އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ކައުންސިލަރު މުޙައްމަދު ޝުޢާޢުއެވެ. 

މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމުގެ ގޮތުގައި 30 ހާސް ރުފިޔާ ވަނީ ދީފައެވެ. ރަނަރަޕް ޓީމަށް ފައިސާގެ އިނާމުގެ ގޮތުގައި 15 ހާސް ރުފިޔާ ދީފައިވާއިރު، ތިންވަނަ ޓީމަށް ލިބުނީ 7،500ރ. (ހަތް ހާސް ފައްސަތޭކަ ރުފިޔާ) އެވެ. މި މުބާރާތުގެ ތިންވަނަ މަގާމު ހާސިލްކުރީ އައްޑޫ ބެޑްމިންޓަން ކްލަބެވެ.

މި މަހުގެ 3 އިން 10 ގެ ނިޔަލަށް ކުރިއަށްދިޔަ މުބާރާތުގައި ފަސް ޓީމަކުން ބައިވެރިވެފައިވެއެވެ. އެއީ، މުބާރާތުގެ ފައިނަލުގައި ވާދަކުރި މައިލޯ ސިޓީ ސްޕޯޓްސް ކްލަބާއި، އެފްސީ ޒެފިއާގެ އިތުރުން އައްޑޫ ބެޑްމިންޓަން ކްލަބާއި، ޑޮނާ އަދި ފްރެންޑްސް ކްލަބެވެ.

މިއީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫހު އާލާކޮށް އައްޑޫގައި ހުނަރުވެރި ބެޑްމިންޓަން ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.

އައްޑޫ ސިޓީ ކައުންސިލްއައްޑޫ ސިޓީއައްޑޫ ސިޓީ ބެޑްމިންޓަން ފިއެސްޓާބެޑްމިންޓަންމައިލޯ ސިޓީ ސްޕޯޓްސް ކްލަބުބެޑްމިންޓަން މުބާރާތް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0