މައިލޯގެ ޓީމުތައް ގައުމީ ބީޗް ވޮލީބޯޅަ ލީގުގެ ކުރީގަ

މައިލޯ ސިޓީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް މައިލޯގެ ކުޅުންތެރިންނާ ޖާޒީ ހަވާލުކުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން. ފޮޓޯ: މައިލޯ ސްޕޯޓްސް ކްލަބް
މައިލޯ ސިޓީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް މައިލޯގެ ކުޅުންތެރިންނާ ޖާޒީ ހަވާލުކުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން. ފޮޓޯ: މައިލޯ ސްޕޯޓްސް ކްލަބް

މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު އައްޑޫ ސިޓީގެ މައިލޯ ސިޓީ ސްޕޯޓްސް ކްލަބާއި، ޔުނައިޓެޑް މައިލޯގެ ޕެއާތަކުން ލީގުގެ ކުރީގައި ހަމަޖެހިލައިފިއެވެ.

މި މަހުގެ 15 އިން 17 ގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގެ އަންހެން ޑިވިޝަނުގައި ހަ ޓީމަކުން ވާދަކުރެއެވެ. މީގެތެރޭގައި، އައްޑޫ ސިޓީގެ ދެ ކުލަބު ހިމެނެއެވެ.

މުބާރާތުގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު ލީގުގެ އެއްވަނައިގައި އުޅެނީ ޔުނައިޓެޑް މައިލޯގެ އައިޝަތު އަރީޝާއާއި ފާތިމަތު އަނާލްގެ ޕެއާއެވެ. ދެވަނައިގައި މައިލޯ ސިޓީގެ ހައްވާ ރާޝިދާ (ހައްވަ) އާއި އައިޝަތު މާޖިދާ ޕެއާ އުޅެނީވެސް ކުޅުނު ތިން މެޗު ކާމިޔާބުކޮށްގެންނެވެ.

އެގޮތުން، މުބާރާތުގައި ޔުނައިޓެޑް މައިލޯގެ އަރީޝާއާއި އަނާލްގެ ޕެއާ ކުޅުނު ފުރަތަމަ މެޗުގައި ޝަހާއާއި ރިޝްފާގެ ޕެއާ އަތުން ސީދާ ދެ ސެޓުން މޮޅުވިިއިރު، ދެވަނަ މެޗުގައި ޒީނިޔާއާއި މާޔާގެ ޕެއާ އަތުން މޮޅުވީ 2-1 ސެޓުންނެވެ. އެއަށްފަހު، މި ދެ ކުޅުންތެރިންގެ ޕެއާ ކުޅުނު ތިންވަނަ މެޗުގައި ނާޒިމާއާއި ރިޔާސާގެ ޕެއާ އަތުން މޮޅުވީ ވެސް ސީދާ ދެ ސެޓުންނެވެ.

އެންމެ ފަހުގެ ބީޗް ވޮލީ މުބާރާތުގެ ޗެމްޕިއަން، މައިލޯ ސިޓީގެ ހައްވައާއި މާޖިދާގެ ޕެއާ ކުޅުނު ފުރަތަމަ މެޗުގައި ނާޒިމާއާއި ރިޔާސާގެ ޕެއާ އަތުން މޮޅުވީ ސީދާ ދެ ސެޓުންނެވެ. އެއަށްފަހު، ދެވަނަ މެޗުގައި މައިހާއާއި މަނާލްގެ ޕެއާ އަތުންވެސް ހަމަ މިނަތީޖާއިން މޮޅުވިއިރު، ޒީނިޔާއާއި މާޔާގެ ޕެއާ އަތުން މައިލޯ ސިޓީގެ ޕެއާ މޮޅުވީ 2-1 ސެޓުންނެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ހައްވަ އާއި މާޖިދާގެ ޕެއާ ނިކުންނާނީ ޝަހާއާއި ރިޝްފާއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި އަރީޝާއާއި އަނާލްގެ ޕެއާ ބައްދަލުކުރާނީ މައިހާއާއި މަނާލްއާ އެވެ. 

މިފަހަރުގެ މުބާރާތުގެ އެންމެ ބޮޑު މެޗު ކަމަށްވާ، މައިލޯ ޑާބީގައި ހައްވާ އާއި މާޖިދާގެ ޕެއާއާ އަރީޝާ އާއި އަނާލްގެ ޕެއާ ބައްދަލުކުރާނީ މިރޭ 9:20 ގައެވެ. މި މެޗަށްފަހު މުބާރާތުގެ ލީގު ޗެމްޕިއަންކަން ކަށަވަރުވެގެންދާނެއެވެ.

ވީއޭއެމްބީޗް ވޮލީޔުނައިޓެޑް މައިލޯވޮލީބޯޅަމައިލޯ ސިޓީ ސްޕޯޓްސް ކްލަބްގައުމީ ވޮލީބޯޅަ ލީގު
ގުޅުންހުރި ޚަބަރު
ކޮމެންޓް 0