އައްޑޫ މީދޫ ވެޓަރަންސް ވޮލީ މުބާރާތުގެ ފައިނަލް މާދަމާ ރޭ
މުބާރާތުގެ ފައިނަލުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވާ އަޔަން ފައިޓާސްއާ ނެޓް ކިންގްސްގެ ގްރޫޕު ސްޓޭޖުގެ ކުރިމަތިލުން ސީދާ ތިން ސެޓުން ކާމިޔާބުކުރީ ނެޓްކިންގްސް.
އައްޑޫ މީދޫ ކައުންސިލުން ބާއްވާ "އައްޑޫ މީދޫ ވެޓަރަންސް ވޮލީބޯލް ޓޯނަމަންޓް" ގެ ފައިނަލުގައި ނެޓް ކިންގްސްއާ އަޔަން ފައިޓާސް ބައްދަލުކުރާން ޖެހިއްޖެއެވެ.
މިމަހުގެ 11 އިން 20 ގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އައްޑޫ މީދޫ ސްޕޯޓްސް އެރީނާގައެވެ.
މި މުބާރާތުގެ ފައިނަލުން ނެޓްކިންގްސް ޖާގަ ހޯދީ ލީގު އުސޫލުން ކުރިއަށްގެންދިޔަ ގްރޫޕް ސްޓޭޖުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެ ޓީމުން ވަނީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފައެވެ.
މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ އަޔަން ފައިޓާސް ކަށަވަރުކުރީ، ސެމީ ފައިނަލުގައި ސްޕައިކް ފޯސް 3-2 ސެޓުން ބަލިކޮށްގެންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު 25-22 އިން ސްޕައިކް ފޯސް ގެންގޮސްފައިވަނިކޮށް، އަޔަން ފައިޓަރސް ވަނީ ދެން ޖެހިގެންއައި ދެ ސެޓު ކާމިޔާބުކޮށްފައެވެ. އެ ޓީމުން މި ދެ ސެޓު ގެންދިޔައީ، 25-23 އާއި 25-17 އިންނެވެ.
އެހެންނަމަވެސް، ދެން ޖެހިގެންއައި ހަތަރުވަނަ ސެޓު
25-20 އިން ކާމިޔާބުކޮށް، ސްޕައިކް ފޯސް ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މިއާއެކު، ދެން ކުޅެވުނު ސެޓުގައި
15-10 އިން ކުރިހޯދައި، އަޔަން ފައިޓާސް ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ.
މި މުބާރާތުގައި ހަތަރު ޓީމަކުން ވާދަކުރިއެވެ. އެއީ، ވޮލީ ޓައިޓަންސް، އަޔަން ފައިޓާސް، ސްޕައިކް ފޯސް އަދި ނެޓް ކިންގްސްއެވެ.
މުބާރާތުގެ ފައިނަލުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވާ އަޔަން ފައިޓާސްއާ ނެޓް ކިންގްސްގެ ގްރޫޕު ސްޓޭޖުގެ ކުރިމަތިލުން ސީދާ ތިން ސެޓުން ކާމިޔާބުކުރީ ނެޓްކިންގްސްއެވެ.
މި ދެ ޓީމުގެ މެދުގައި ކުޅެވޭ މުބާރާތުގެ ޝަރަފުވެރި ފައިނަލް މެޗު އޮންނާނީ މާދަމާ ރޭ 8:30 ގައެވެ.