ހަނގުރާމައިގެ ބިރުވެރިކަމަށް ފަހު އެމެރިކާ އާއި އީރާނުގެ މަޝްވަރާތަކުން އުއްމީދީ އަލިކަމެއް

ހަނގުރާމައިގެ ބިރުވެރިކަމަށް ފަހު އެމެރިކާ އާއި އީރާނުގެ މަޝްވަރާތަކުން އުއްމީދީ އަލިކަމެއް

އެމެރިކާ އާއި އީރާނާ ދެމެދު ހަނގުރާމައެއް ފެށުމުގެ ބިރުވެރިކަން ބޮޑުވެފައި އޮތް ދުވަސްތަކަކަށް ފަހު، ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ ޑިޕްލޮމެޓިކް މަޝްވަރާތަކުން މަސްލަހަތު ފިނިވުމުގެ އުއްމީދީ އަލިކަމެއް ފުރަތަމަ ފަހަރަށް ފެންނަން ފަށައިފި ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.

ކުއިންސީ އިންސްޓިޓިއުޓްގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ޓްރީޓާ ޕާސީ އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ދެ ގައުމުގެ މަސްރަހު ގޯސްވެ ހަނގުރާމައިގެ ތުންފަތްމައްޗަށް ދިޔަތާ އެތައް ހަފުތާއެއް ފަހުން، ނުތަނަވަސްކަން ކުޑަވާ ކޮންމެ ފިޔަވަޅަކީ މަރުހަބާ ކިޔަންޖެހޭ ކަމެއް ކަމަށެވެ. 

އަދި މިފަހަރު އުއްމީދެއް އޮތް ކަމަށް ގަބޫލުކުރެވެނީ މަޝްވަރާގެ މޭޒުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މާ ބޮޑަށް ހަގީގަތާ އެއްގޮތް، ވިސްނުންތެރި ސިޔާސަތެއް ގެންގުޅުއްވާތީ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، ކުރިއަށް އޮތް 48 ގަޑިއިރަކީ މި މަޝްވަރާތަކުގެ ނަތީޖާ ކަނޑައެޅިގެންދާނެ ވަރަށް ނާޒުކު ވަގުތެއް ކަމަށާއި، މި ފުރުސަތު ނަގާލަން އިޒްރޭލުން މަސައްކަތް ކޮށްފާނެ ކަމުގެ އިންޒާރު ޕާސީ ދެއްވިއެވެ. 

އޭނާ ވިދާޅުވި ގޮތުގައި އެމެރިކާ އާއި އީރާނުގެ ގުޅުން ރަނގަޅުވުމަކީ އިޒްރޭލަށް ބަލައިގަންނަން އުނދަގޫ ހަބަރަކަށް ވާނެ ކަމަށާއި، އެމެރިކާ ހަނގުރާމައެއްގެ ތެރެއަށް ވައްދަން އިޒްރޭލުން އަބަދުވެސް މަސައްކަތްކުރާ ކަމަށެވެ.

މި ވާހަކަތައް މިގޮތަށް ދެކެވެމުން ދަނީ އީރާނާ އެކު ކުރިއަށްދާ ވާހަކަތައް ދަނީ "ވަރަށް ރަނގަޅަށް" ކަމަށް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށެވެ. މީގެ އިތުރުން އީރާނުގެ ސެކިއުރިޓީ ޗީފް ރިޟާއީ ވިދާޅުވީ، އެމެރިކާއިން އެންމެ ފަހުން ފޮނުވި ސިޓީއިން ފެންނަނީ އެ ގައުމުގެ ރާގު ބަދަލުވެފައިވާ ކަމުގެ "ވަރަށް އެދެވޭ އަލިމަގެއް" ކަމަށެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އަރަޤްޗީ ވިދާޅުވެފައިވަނީ ޤަތަރުގެ މެދުވެރިވުމާ އެކު އެކުލަވާލި ޕްލޭނެއްގެ ދަށުން، އީރާނުން ހުށަހަޅާފައިވާ ޝަރުތުތަކަށް އެމެރިކާއިން އެއްބަސްވެއްޖެނަމަ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލަން ތައްޔާރަށް އޮތް ކަމަށެވެ.

އީރާންއެމެރިކާހޮރްމުޒް ކަނޑުއޮޅިހޮރްމުޒް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0