އެމެރިކާއާއި އީރާންގެ ހަނގުރާމައަށް ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް ގަޠަރުގެ ބޮޑުވަޒީރު ގޮވާލައްވައިފި
އީރާންގެ ހާރިޖީ ވަޒީރާ ފޯނުން ގުޅުއްވައި ސަރަހައްދީ ސުލްހަ ގާއިމުކުރުމަށް ކުރާ މަސައްކަތްތަކަށް ތާއީދުކުރައްވާކަން ގަޠަރުގެ ބޮޑުވަޒީރު ހާމަކުރެއްވި
އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައަށް ޑިޕްލޮމެޓިކް ހައްލުތަކެއް ހޯދުމަށް، ގަޠަރުގެ ބޮޑުވަޒީރު އަދި ހާރިޖީ ވަޒީރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން އަލްސާނީ ގޮވާލައްވައިފިއެވެ.
ގަޠަރުގެ ބޮޑުވަޒީރު
މިކަމަށް ގޮވާލެއްވީ އީރާންގެ ހާރިޖީ ވަޒީރު ސައްޔިދު އައްބާސް އަރާޤްޗީއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ގަޠަރުގެ ހާރިޖީ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމަށާއި ސަރަހައްދުގައި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށް މަގުފަހިކޮށްދޭނެ ފުރިހަމަ އެއްބަސްވުމަކަށް ވާސިލުވުމަށް ކުރެވޭ ހުރިހާ މަސައްކަތްތަކަށް ތާއީދުކުރައްވާ ކަމަށް ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން އަލްސާނީ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ސަރަހައްދީ ހަމަނުޖެހުންތަކަށް ވާހަކަދައްކައިގެންނާއި ޑިޕްލޮމެޓިކް ގޮތުން ހައްލު ހޯދުމަށް ގަޠަރުން އަބަދުވެސް ގޮވާލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މަސްރަހު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ވެސް
ގަޠަރުގެ ބޮޑުވަޒީރު
ފާހަގަކުރެއްވިއެވެ.
ދެ ގައުމުގެ ހާރިޖީ ވަޒީރުން ފޯނުން މަޝްވަރާކުރައްވާފައި މިވަނީ، އެމެރިކާގެ މިޑްޓާމް އިންތިހާބަށްފަހު އީރާނަށް ދޭ ހަމަލާތައް އަލުން ފަށާނެ ކަމަށް ބެލެވިފައިވާ ދަނޑިވަޅެއްގައެވެ.
އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މެދުވެރިއެއްގެ ގޮތުން ގަޠަރުން އިސް ދައުރެއް އަދާކުރަމުންދާއިރު، ހޮރުމުޒް ކަނޑުއޮޅި ކޮންޓްރޯލްކުރުމުގެ މައްސަލަ ވަނީ މި މަސައްކަތަށް އޮތް ބޮޑު ހުރަހަކަށް ވެފައެވެ.
މި ފޯނު ކޯލުގެ ކުރިން، އިއްޔެ ގަޠަރުގެ އައްސޭރިފަށުން ދަތުރުކުރި ޓޭންކަރަކަށް ވަނީ ހަމަލާއެއް އަމާޒުވެފައެވެ.