ފަލަސްޠީނުގެ ނަސްލުނައްތާލުމަށް އިސްރާއީލުން ކުރާ ލާއިންސާނީ އަމަލުތަކަށް ވަގުތުން ފިޔަވަޅު އަޅަން ރައީސް ގޮވާލައްވައިފި
ފަލަސްޠީނުގެ ރައްޔިތުންނާއެކު ސާބިތުވެ ތިބިކަން ހާމަކުރުމުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިޠާބުގައި ފަލަސްޠީނަށް އިންސާފު ހޯދައިދޭން ރައީސް ބާރުއެޅުއްވި.
އިސްރާއީލުން ފަލަސްޠީނުގައި ހިންގަމުންދާ ނަސްލުނައްތާލުމުގެ އަމަލު މިހާރުން މިހާރަށް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަގުތުން ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ފަލަސްޠީނުގެ ރައްޔިތުންނާއެކު ސާބިތުވެ ތިބިކަން ހާމަކުރުމުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިޠާބުގައި އެމަނިކުފާނު ވަނީ، ފަލަސްޠީނަށް އިންސާފު ހޯދައިދިނުމަށާއި އިސްރާއީލުގެ ޣައިރު ގާނޫނީ ވަޒަންވެރިވުންތަކާއި ނަސްލީ އިމްތިޔާޒު ނިމުމަކަށް ގެނައުމަށްވެސް ގޮވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި ވިދާޅުވީ، މި ދުވަހަކީ ފަލަސްޠީނުގެ ރައްޔިތުން ތަޙައްމަލު ކުރަމުންދާ ބަޔާންކުރަން ދަތި ވޭނާއި ކެކުޅުންތައް ދުނިޔެއަށް ހަނދާންކޮށްދޭ ދުވަހެއް ކަމަށެވެ. އެހެންކަމުން، ހަމައެކަނި ބަޔާންތައް ނެރުމުގެ ބަދަލުގައި ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް އަމަލީ ފިޔަވަޅުތައް އެޅުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. މިގޮތުން، 1967 ގެ ކުރިން ކަނޑައަޅާފައިވާ ސަރަހައްދީ ރޮނގުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ދައުލަތެއް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަތުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
މީގެ އިތުރުން، އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (އދ.) ގައި ފަލަސްޠީނަށް މިހާރު ވާހަކަދެއްކުމުގެ ފުރުސަތު އޮތް ނަމަވެސް، ޙަޤީޤީ ތަމްސީލުވުމެއް ޙާޞިލުވާނީ، ވޯޓުލުމުގެ ޙައްޤު ލިބިގެން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވިއެވެ. އެހެންކަމުން، އދ. ގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި އެ ޖަމްޢިއްޔާގެ ހުރިހާ ގުނަންތަކެއްގައި ހަމަހަމަކަމާއެކު ބައިވެރިވުމުގެ ހައްގު ފަލަސްޠީނަށް ކަށަވަރުކޮށްދިނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ފަލަސްޠީނުގެ ހައްގުގައި ދިވެހިރާއްޖެއިން އަދާކުރަމުންދާ ދައުރަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖެއިން އދ. އާއި އެހެނިހެން ބައިނަލްއަޤްވާމީ މައިދާންތަކުގައި އެ ޤައުމުގެ ޙައްޤުގައި ކުރަމުންދާ ވަކާލާތު ވަރުގަދަކޮށްފައިވާ ކަމަށެވެ. އެގޮތުން، ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) އަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ރާއްޖެއިން ތަދައްޚުލުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އުންރުވާ (ޔޫ.އެން.އާރު.ޑަބްލިއު.އޭ.) އަށް ދިވެހި ރައްޔިތުންގެ ފަރާތުން 1.2 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި، ދިވެހި ދައުލަތުން އެ ޖަމާއަތަށް އަހަރަކު ދެމުން އައި މާލީ އެހީ ދިހަގުނައަށް އިތުރުކޮށްފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހިޠާބު ނިންމަވާލައްވަމުން ރައީސް ވަނީ، ފަލަސްޠީނުގެ ރައްޔިތުންގެ ކިބައިން އަމާންކަމުގެ އަސާސީ ހައްގު ނިގުޅައިގަނެވިފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ހަނގުރާމަ ވަގުތުން ހުއްޓާލުމަށާއި ބޭސްފަރުވާއާއި ކާބޯތަކެތި ފަދަ އިންސާނީ އެހީ އެއްވެސް ހުރަހެއް ނެތި ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ. މި ޝުއޫރުތައް ތަކުރާރުކުރައްވައި، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައިވެސް ޕޯސްޓެއް ވަނީ ހިއްސާކުރައްވާފައެވެ.