ހުޅުދޫ ޑަބްލިއުޑީސީގެ ބައި-އިލެކްޝަން ކާމިޔާބުކުރި ޕީއެންސީ ކެންޑިޑޭޓަށް ރައީސްގެ މަރުހަބާ
ލޯކަލް ކައުންސިލް ބައި-އިލެކްޝަންގައި އައްޑޫ، ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި ކާމިޔާބުކުރެއްވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓް، ފާޠިމަތު ނަބާހާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްގެންދިޔަ އިންތިހާބަކީ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުން ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނެވެ.
މީސްމީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވި މެސެޖުގައި ވަނީ އައްޑޫ ހުޅުދޫ ޑަބްލިއުޑީސީގެ ބައި-އިލެކްޝަނުގައި ޕީއެންސީގެ ކެންޑިޑޭޓް ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައެވެ.
ރައީސް ވަނީ، މި ބައި-އިލެކްޝަންގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުދެއްވި ޕާޓީގެ ލޮބުވެތި މެންބަރުންނާއި ސަޕޯޓަރުންނަށާއި ކެންޕޭނުގެ މަސައްކަތްތަކުގައި އެހީތެރިވެދެއްވި ހުރިހާ ބޭފުޅުންނަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.