ރޯދައިގެ ކުރިން އައްޑޫގެ ފެނުގެ މައްސަލަ ހައްލުކުރާނަން: ފަހުމީ
މާލެއާ އެއް ފެންވަރަކަށް ހިދުމަތް ދިނުމަށް މުވައްޒަފުން ތަމްރީނުކުރުމާއި މެޝިނަރީތައް ރެގިއުލޭޓްކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ
ރަމަޟާން
މަސް ފެށެންވާއިރަށް އައްޑޫ ސިޓީގެ ފެނުގެ މައްސަލަ ހައްލުކޮށްދެއްވާނެ
ކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވީ، އައްޑޫ އަދި ފުވައްމުލަކު ސިޓީގައި
ފޯރުކޮށްދޭ ހިދުމަތާ ގުޅޭގޮތުން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރައްވަމުންގެންދަވާ
ދަތުރުފުޅުގެ ތެރެއިން ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައެވެ.
މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި
އެމްޑަބްލިއުއެސްސީން ހިދުމަތް ހޯދާ ހުރިހާ ކަސްޓަމަރުންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ
ކަމަށް ފަހުމީ ވިދާޅުވިއެވެ.
އަދި ކަސްޓަމަރުންނާ ބައްދަލުކޮށް އެ ކުންފުނީގެ މޯބައިލް
އެޕް އަޅައިދިނުމާއި، މިހާރުން މިހާރަށް ނަގަމުންދާ ރީޑިންތައް އަންގައިދޭނެ ކަމަށްވެސް
އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭގޮތުން
ރައްޔިތުން ދެކޭގޮތް ބަލާނެ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ، އައްޑޫ އަދި ފުވައްމުލަކު ސިޓީގައި ކުރިން ހިދުމަތް ދެމުންދިޔަ ގޮތާ މެދު ރައްޔިތުންގެ ކަންބޮޑުވުންތައް
ހުރި ނަމަވެސް، އެމްޑަބްލިއުއެސްސީން އެ ހިދުމަތް ފޯރުކޮށްދޭން ފެށުމުން ރައްޔިތުންގެ
ބޮޑެތި އުންމީދުތަކެއް އެބަހުރި ކަމަށެވެ.
އަދި އެ ކަންބޮޑުވުންތައް ހައްލުކޮށްދީ، ކުރިއަށް އޮތް ރަމަޟާން
މަސް ފެށެންވާއިރު އެ ދެ ސިޓީގެ ފެނުގެ ހިދުމަތް ރަނގަޅުކޮށް މާލެއާ އެއް ފެންވަރަކަށް
ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލެއާ އެއް
ފެންވަރަކަށް ފެނުގެ ހިދުމަތް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ
ކަމަށާއި، އެގޮތުން މުވައްޒަފުން ތަމްރީނުކުރުމާއި މިހާރު ހުރި މެޝިނަރީތައް ރެގިއުލޭޓްކުރުމުގެ
މަސައްކަތް ކުރިއަށްގެންދާނެ ކަން ފަހުމީ ފާހަގަކުރެއްވިއެވެ.
އައްޑޫގައި މީގެ ކުރިން ފެނާއި ކަރަންޓުގެ ހިދުމަތްވެސް ފޯރުކޮށްދެމުންދިޔައީ ފެނަކައިންނެވެ.
ނަމަވެސް ފެނަކަ އުވާލުމަށް ނިންމުމާ އެކު، އެ ހިދުމަތްތައް ފޯރުކޮށްދިނުމާ އެމްޑަބްލިއުއެސްސީން
ވަނީ ހަވާލުވެފައެވެ.