އައްޑޫ ހިތަދޫގައި ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓާ ގުޅުންހުރި މައުލޫމާތު ސެޝަނެއް
ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓުގެ މުއްދަތު 5 އަހަރަށް އިތުރުކުރުމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ސ. ހިތަދޫ ރީޖަނަލް ޕޯޓުގެ ޕޯޓް ސެކިއުރިޓީ އޮފިސަރުންނާއި ކަމާގުޅޭ އެހެނިހެން ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.
މި މައުލޫމާތު ސެޝަނަކީ، ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓަކީ ކޮންމެ އަހަރަކު އެއްފަހަރު ސާވޭކޮށް، އެންޑޯޒްމަންޓް ހޯދަންޖެހޭ އެއްޗެއްގެ ގޮތުގައި ހަމަޖައްސައި، އެ ސެޓްފިކެޓްގެ މުއްދަތު ފަސް އަހަރަށް އިތުރުކުރުމަށް ނިންމި ނިންމުމާ ގުޅޭގޮތުން ބޭއްވި ސެޝަނެކެވެ.
މި ސެޝަންގައި، ސެޓްފިކެޓްގެ މުއްދަތު ގުނާނެ ގޮތާއި، އަހަރީ އެންޑޯޒްމަންޓްތައް ފުރިހަމަކުރަންޖެހޭ މުއްދަތުތަކުގެ އިތުރުން، ސެޓްފިކެޓްގައިވާ ތަފުސީލުތައް ކަށަވަރުކުރުމާއި ފަޅުވެރިން ބަދަލުވުމުގައި އަމަލުކުރާނެ އިޖުރާއަތްތަކާ ގުޅޭގޮތުން ވަނީ އިރުޝާދު ދީފައެވެ.