ބޭރުފައިސާގެ 40 އިންސައްތަ މާރުކުރަންޖެހޭ ގޮތަށް ކަނޑައަޅަންޖެހުނީ އެމްޑީޕީގެ ސަބަބުން: ވަޒީރު ސަޢީދު
ރާއްޖެއަށް ލިބޭ ބޭރުފައިސާގެ 40 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށް އަދުގެ ސަރުކާރުން ކަނޑައެޅީ އެމްޑީޕީ ސަރުކާރުން ގެނެސްދިން "ނާމާން މަލަމަތީ"ގެ
ސަބަބުން ކަމަށް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސަޢީދު މިހެން ވިދާޅުވީ، އިދިކޮޅު އެމްޑީޕީން އޭނާގެ މައްޗަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައަށް ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ބުދަ ދުވަހުގެ ޖަލްސާގައި ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
"ކޮބައިތޯ ބޭނުމަކީ؟
ބޭނުމަކީ އެމްޑީޕީ ސަރުކާރުގައި މަލަމަތި އޮތީ ދަރާ ގޮތަށް، ރާއްޖެ ބަނގުރޫޓުވާ
ގޮތަށް، އެއީ އެމްޑީޕީން ގެނެސްދީފައި އޮތް ނާމާން މަލަމައްޗަކީ، އެ މަލަމަތި
ބަދަލުކުރުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަމަކީ ރާއްޖޭގެ އިކޮނޮމީގެ ސެންޓްރަލް
ޕިލާ ކަމަށް ވާތީ އެ ސެކްޓާއިން ލިބޭ ޑޮލަރު ރާއްޖޭގައި ރިޓެއިންކުރުމަށްޓަކައި 20
ޕަސެންޓަށް ބޮޑުވެ 40 ޕަސެންޓަށް ބޮޑުކޮށްގެން އެ ދިޔައީ،" އޭނާ ވިދާޅުވިއެވެ.
އޭގެތެރެއިން އިތުރުވި ޑޮލަރު ލިބިގެންދިޔައީ އާންމު ރައްޔިތުންނަށް ކަމަށާއި، އޭގެތެރޭގައި ބޭރަށް ދަތުރުކުރާ ރައްޔިތުންނާއި، ހައްޖާއި އުމްރާއަށާއި، ބޭސް ފަރުވާގެ އިތުރުން ވިޔަފާރިތަކަށް ދެމުން އަންނަ ޓީޓީ އަށް ވެސް ކުރިއަށްވުރެ ދެގުނަ އިތުރަށް ޑޮލަރު ހަމަޖެހުނު ކަމަށް ސަޢީދު ފާހަގަކުރެއްވިއެވެ.
މިހާރު ދުނިޔޭގައި އޮތް ހަނގުރާމައިގެ ހާލަތުގައިވެސް ނިކަމެތި ރާއްޖެ ދަރަނިވެރިނުވެ، އޭރުން އެމްޑީޕީން ގެނައި ނާމާން މަލަމަތިން ސަލާމަތްކޮށް، ވިޔަފާރިތަކާއި ރައްޔިތުންގެ ތަމައްދުން ތަރައްގީއަށްޓަކައި، ގައުމު އޮތް ދަތި ހާލުގައިވެސް ސައްތައިން ސައްތައިގެ ކުރިއެރުމެއް ގެނެސްދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެންކަމުން
އިގުތިސާދީ އިސްލާހުތައް ގެނައުމަށް އެދެވޭ އެއްވެސް ސިޔާސަތެއް ސަޢީދުގެ
ވަޒީރުކަމުގައި ތަންފީޒުކޮށްފައި ނެތް ކަމަށް އެމްޑީޕީން ބުނެފައި އޮތް އޮތުން
ހަގީގަތާ ހިލާފު ކަމަށް، އޭނާ ފާހަގަކުރިއެވެ.