މިއީ އަމާ ބުނީތީ ފަރަށްދާ އުސޫލުން ހަދާފައިވާ ބަޖެޓެއް: ދީދީ

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދުދީދީ.
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދުދީދީ.

އަދުގެ ސަރުކާރުން އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ، އެއްވެސް ޒިންމާއެއްނެތި ކަމަކަށް ކަމެއް ކޮށްލުމުގެ ބޭނުމުގައި ކުރީ ޒަމާނުގައި މީހުން ބުނެ އުޅޭހެން އަމާ ބުނީތީ ފަރަށްދާ އުސޫލުން ހަދާފައިވާ ބަޖެޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދުދީދީ ސިފަކުރައްވައިފިއެވެ.

މެންބަރު ދީދީ މިހެން ވިދާޅުވީ، މިއަދު ކުރިއަށްގެންދިޔަ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

"އެއްވެސް މިސްރާބެއްނެތް، ޒިންމާއެއް ނެތް. ހަމަ ބްލޮކް ފިގާތަކެއް ޖަހާލާފަ އަޅުގަނޑުމެންނަށް ފޮނުވާފަ ހުރި ނަންބަރުތަކެއް،" މެންބަރު ވިދާޅުވިއެވެ.

މިދިޔަ ދެ އަހަރުވެސް ބަޖެޓު ހުށަހެޅިއިރު ފާހަގަކުރެއްވި ފަދައިން، ރައްޔިތުންގެ މަންދޫބުންނަށް، ސަރުކާރު ޖަވާބުދާރީކުރެވޭނީ ބަޖެޓުގައި ތަފްސީލެއް އޮވެގެން ކަމަށާއި، ފައިސާ ހަރަދުކުރަން އުޅެނީ ކޮންކަމަކަށްކަން އެނގެން އޮންނަންވާނެ ކަމަށް ދީދީ ވިދާޅުވިއެވެ.

އެގޮތަށް، ތަފްސީލެއް ނެތި 2025 ވަނަ އަހަރު، އޭރު ތަފްސީލެއްނެތި ހައުސިންގ ބަޖެޓެއްގެ ގޮތުގައި ވިއްކި ކަމަށާއި، އެ އަހަރު ނިމިގެންދިޔައިރު ރާއްޖޭގެ އެއްވެސް ރަށެއްގައި ހައުސިން ޔުނިޓެއްގެ މަސައްކަތް ފެށިފައިނުވާއިރު، އެއަށްފަހު 2026 ވަނަ އަހަރު ހަމައެގޮތަށް ނިމިގެންދާއިރު ވެސް އެއްވެސް ހައުސިން ޔުނިޓެއްގެ މަސައްކަތް ނުފެށޭކަމަށް ދީދީ ފާހަގަކުރެއްވިއެވެ.

މިކަންކަމުން ފާހަގަވެގެންދަނީ ބަޖެޓުގައި މި ޖަހާ އަދަދުތަކާއެކު މި ތައްޔާރުކުރާ ބަޖެޓަކީ، އެއްވެސް ވަރަކަށް ޕްލޭން ކުރުމެއްނެތި، ބަޔަކާ މަޝްވަރާކުރެވިގެން ކޮށްފައިވާ ކަމެއް ނޫންކަން ކަމަށް ދީދީ ވިދާޅުވިއެވެ.

ދީދީ ވިދާޅުވީ، ކުރިންވެސް ފާހަގަކުރެއްވި ގޮތަށް ސަރުކާރުން އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ، އަމާ ބުނީތީ ފަރަށްދާ އުސޫލުން ހަދާފައިވާ ލިޔުމެއް ކަމަށާއި، އެއަކީ ބަޖެޓެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އައްޑޫ ސިޓީއައްޑޫރައްޔިތުންގެ މަޖިލިސްމަރަދޫ ދާއިރާމަޖިލިސް މެންބަރުދީދީ
ގުޅުންހުރި ޚަބަރު
ކޮމެންޓް 0