އެމްޑީޕީ މެންބަރުން ވެސް ވަޒީރުގެ ބުރިކަށީގައި ފިރުމާފައި ބަޖެޓް ރަނގަޅޭ ބުނޭ: އައިބީ
ދިކޮޅު މެންބަރުން ދައުލަތުގެ ބަޖެޓަށް ފާޑުވިދާޅުވަނީ ރައްޔިތުންނަށް ދެއްކުމަށް ޖައްސަވާ އެކްޝަނެއްގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ތުހުމަތުކުރައްވައިފިއެވެ.
މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން އިބްރާހިމްދީދީ ވިދާޅުވީ، އެމްޑީޕީގެ މެންބަރު ޣަފޫރު ކޮންމެ ފަހަރަކުވެސް ވަރަށް ބާރަށް ވާހަކަދެއްކެވި ނަމަވެސް ވޯޓެއް ނުދެއްވާ ކަމަށާއި، ރައްޔިތުންނަށް އޮޅުވާލުމަށް ތަޅުމުގައި ވާހަކަދެއްކެވުމަށްފަހު ނުކުމެވަޑައިގެން ކާ ކޮޓަރި ނުވަތަ މެސް ކޮޓަރީގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރުންގެ ކޮނޑުގައި އަތް ކާއްތާލައްވައި ބުރަކަށީގައި ފިރުމާލައްވާ ކަމަށެވެ.
މީގެ އިތުރުން، ތަޅުމުގައި އެމްޑީޕީ މެންބަރުން ބަޖެޓާއި ދެކޮޅަށް ވާހަކަ ދައްކަނީ ދާއިރާގެ މެންބަރުންގެ ކުރިމަތީގައި ކުޑަކޮށް ރޭންޖް މަތިކޮށްލުމުގެ ގޮތުން ކަމަށާއި، ބަޖެޓާއި ހުރިހާ ކަމެއްވެސް އޮތީ ރަނގަޅަށް ކަމަށް އެ ބޭފުޅުން ވިދާޅުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ބަޖެޓު ކޮމިޓީގައި ތިއްބަވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުންވެސް ފިނޭންސް މިނިސްޓަރުގެ ބުރަކަށީގައި ފިރުމާލެއްވުމަށްފަހު، މިއީ ވަރަށް ރަނގަޅު ބަޖެޓެއް ކަމަށް ވިދާޅުވާ ކަމަށް އެ މެންބަރު ތުހުމަތުކުރެއްވިއެވެ.
އިބްރާހިމްދީދީ ވިދާޅުވީ މި ބަޖެޓަށް ފާޑުކިޔާއިރު، އެމްޑީޕީގެ ސަރުކާރުތަކުގައި ފާސްކުރި 10 އަހަރުގެ ބަޖެޓުތަކަށް ވީ ކިހިނެއްތޯ އާއި، ރައްޔިތުންނަށް ފައިދާހުރި އެއްވެސް ކަމެއް ކުރެވުނުތޯ އެ މެންބަރު ސުވާލުކުރެއްވިއެވެ.