އެމްޑީޕީއަކީ އަނގައިން ވެރިކަން ކުރާ ޕާޓީއެއް: އައިބީ
އައިބީ ވިދާޅުވީ، މީގެކުރީން 2008 ވަނަ އަހަރުގެ ވެރިކަމުގައި އެމްޑީޕީން އަތްފޯރާ ފަށަށް ކާބޯތަކެތީގެ އަގު ގެންނާނަމޭ ކިޔާފަ އައިސްފަ، އެ ބުނާ ހެޔޮވެރިކަމުގައި ފެނިގެންދިޔައީ އެއްވެސް އެއްޗެއް އަތްފޯރާފަށަށް ނުގެނެވުނު މަންޒަރުކަމަށް.
އެމްޑީޕީއަކީ އަނގައިން ވެރިކަން ކުރާ ޕާޓީއެއް ކަމަށާއި، ސަރުކާރެއް ލިބިއްޖެއްޔާ، އެމީހުން ވެރިކަމުން ފައިބައިގެންދާނީ ރައްޔިތުންނަށް ގިނަ ދުއްތުރާތައް ކޮށްފައި ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
އައިބީ މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ބަޖެޓު ރިޕޯޓުގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.
އައިބީ ވަނީ އެމްޑީޕީގެ މެންބަރުން ބަޖެޓާއި ގުޅިގެން ދެއްކެވި ވާހަކަތަކަށް ވަރަށް ވަރުގަދައަށް ރައްދު ދެއްވާފައެވެ.
އެމްޑީޕީން މިދިޔަ އަހަރުތަކުގެ ތެރެއިން 10 އަހަރު ވެރިކަންކޮށްފަ ދިޔައިރު، އޭރު ފާސްކުރި އެއްވެސް ބަޖެޓަކުން ރައްޔިތުންނަށް ފައިދާހުރި ކަމެއް ކޮށްދެވުނުތޯ އެ ޕާޓީގެ މެންބަރުންނާ އައިބީ ވަނީ ސުވާލުކުރައްވާފައެވެ.
"އެމްޑީޕީއަކީ އަނގައިން ވެރިކަންކުރާ ޕާޓީއެއް. އަމަލީގޮތުން ސަރުކާރެއް ލިބިއްޖެއްޔާ ރައްޔިތުންނަށް އެހާ ނޮހޮރުއްޕާންކޮށް، ދުއްޕާން ކޮށްލާފަ ފައިބައިގެންދާނީ." އައިބީ ވިދާޅުވިއެވެ.
އައިބީ ވިދާޅުވީ، މީގެކުރީން 2008 ވަނަ އަހަރުގެ ވެރިކަމުގައި އެމްޑީޕީން އަތްފޯރާ ފަށަށް ކާބޯތަކެތީގެ އަގު ގެންނާނަމޭ ކިޔާފަ އައިސްފަ، އެ ބުނާ ހެޔޮވެރިކަމުގައި ފެނިގެންދިޔައީ އެއްވެސް އެއްޗެއް އަތްފޯރާފަށަށް ނުގެނެވުނު މަންޒަރުކަމަށެވެ.
އެމްޑީޕީގެ މެންބަރުން ކޮމިޓީތަކުގައި ދައްކަވާ ވާހަކައާއި މަޖިލީހުގެ ތަޅުމުގައި ދައްކާ ވާހަކަތައް މުޅިން ތަފާތުކަން ފާހަގަކުރައްވަމުން މެންބަރު ވިދާޅުވީ، އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް ކަމުދަނީ އެމީހުންގެ ވެރިކަމުގައި ފާސްކުރާ ބަޖެޓުކަމަށާއި، އެ ނޫން ކޮންމެ ވެރިކަމެއްގައި ދައުލަތުގެ ބަޖެޓު ފާސްކުރާ ދުވަހަކު އެމީހުން މަސައްކަތްކުރަނީ ރައްޔިތުންނަށް އޮޅުވާލަންކަން ތަކުރާރުކުރެއްވިއެވެ.