ރަސްމާލޭގެ މަޝްރޫއު: ރައްޔިތުންގެ ވޯޓަކަށް ނުދާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
ރަސްމާލޭގައި އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ) ގެ އީގަލް ހިލްސްއިން ހިންގަން ހަމަޖެހިފައިވާ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
“މި ކަމަކީ އަޅުގަނޑުމެން ރިފަރެންޑަމެއް ހިންގާނެ ކަމެއް ނޫން،” ރައީސް ވިދާޅުވިއެވެ. “މިކަމާ ގުޅޭ ބިލުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި މިހިރީ ރާއްޖޭގެ ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލާއި އަޅުގަނޑުމެންގެ ގާނޫނުތަކާއި މި ހުރިހާ ކަމަކަށް ރިއާޔަތްކުރެވިފައި މި އޮތީ ގާނޫނުގައި ސީދާ.”
އެ މަނިކުފާނު ވިދާޅުވީ، ގަވައިދެއްގައި އެ މަޝްރޫއާ ގުޅޭ ކަންކަން ބަޔާންކުރަން ފަސޭހަވި ނަމަވެސް އެހެން ނުހައްދަވައި އެ ކަންކަން ބަޔާންކުރެއްވީ މިއަދު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގައި ކަމަށެވެ. އެގޮތުން، ކުރިއަށް އަންނަން އޮތް ޖީލުތަކަށް ވެސް ރައްޔިތުންގެ ހައްގުތައް އެއްވެސް ކަންބޮޑުވުމެއް ނެތި ހިމާޔަތްކޮށް ކަށަވަރުކުރެވިފައިވާކަން 14 ބާބާއި 160 އަށް ވުރެ ގިނަ މާއްދާ ހިމެނޭ އެ ބިލުގެ އަށްވަނަ ބާބުން ފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އެ މަޝްރޫއާ ދެކޮޅަށް ވާހަކަދައްކާ ފަރާތްތަކުން ފާޅުކުރާ ކަންބޮޑުވުންތަކަކީ އެއްވެސް އަސްލެއް ނެތް ކަންކަން ކަމަށް ވިދާޅުވާ ވާހަކަ ވެސް ރައީސް މުއިއްޒު ތަކުރާރުކުރެއްވިއެވެ. “އަސާސެއް ނެތް ހިޔާލީ ވާހަކަތަކެއް ސިޔާސީ ބޭނުމެއްގައި ދައްކަމުންދާކަން އެއީ އިދިކޮޅު ފަރާތްތަކުން އެ ކުރާ ކަންކަމާ ދޭތެރޭގައި ދަންނަވަން އޮތް އެއްޗަކީ،” މުއިއްޒު ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭ ރަސްމީ އެއްބަސްވުމުގައި އީގަލް ހިލްސްއާ އެކު ސޮއިކުރާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލު ފާސްވެ، ގާނޫނަކަށްވުމުން ކަމަށެވެ.