ފުޖައިރާގައި ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާ

ފުޖައިރާގައި ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާ

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ފުޖައިރާގައި ވެހިކަލްތަކެއް ޖެހި ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެން ޔޫއޭއީ ގެ ރައީސް، އަބޫދާބީގެ ވެރިޔާ ހިޒް ހައިނަސް ޝައިޚް މުޙައްމަދު ބިން ޒާއިދު އަލް ނަޙްޔާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ހިތާމަވެރި ހާދިސާގައި، އަދި މި ހާދިސާއާ ގުޅިގެން ރޯވި އަލިފާންގަނޑުގެ ސަބަބުން އެތައް ބަޔަކު މަރުވެ އިތުރު ބަޔަކަށް އަނިޔާވި ހަބަރު އެއްސެވީ ނުހަނު ފުން ހިތާމަޔާއެކު ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނުގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޔޫއޭއީ ގެ ރައީސަށާއި، އެ ގައުމުގެ ސަރުކާރާއި، އަހުވަންތަ ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވިއެވެ. 

މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ޔޫއޭއީ އާއި އެކުގައިކަން އެ މަނިކުފާނު ތަކުރާރުކޮށް ޔަގީންކޮށްދެއްވައި، މި ހިތާމަވެރި ހާދިސާގެ އަސަރު ކުރި އެންމެހައި ފަރާތްތަކަށް ހަމްދަރުދީ ފޮނުއްވިއެވެ.

މި ހާދިސާގައި މަރުވި މީހުންގެ ފުރާނަތަކަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވައި، އެ ފަރާތްތަކުގެ އާއިލާތަކަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ދުއާކުރައްވާފައިވެއެވެ. 

އަދި، އަނިޔާލިބުނު ފަރާތްތަކަށް އަވަސް އަދި ފުރިހަމަ ޝިފާއެއް މިންވަރުކުރެއްވުމަށް އެދިވަޑައިގަންނަވާކަން އެމަނިކުފާނު ހާމަކުރައްވާފައިވެއެވެ.

ރައީސް މުޢިއްޒުރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުފުޖައިރާރައީސްގެ ތައުޒިޔާޔޫއޭއީ ގެ ރައީސް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0