އައްޑޫ ސިޓީ ކައުންސިލުގެ މިދިޔަ މަހުގެ އާމްދަނީ 11 މިލިއަން ރުފިޔާއަށްވުރެ އިތުރު
އާމްދަނީގެ ގޮތުގައި 11.6 މިލިއަން ރުފިޔާ ލިބުނުއިރު، ހަރަދުގެ ގޮތުގައި 10.1 މިލިއަން ރުފިޔާ ހިނގާފައިވޭ
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ މިދިޔަ އޮކްޓޫބަރު މަހުގެ މާލީ ރިޕޯޓު އާންމުކޮށްފިއެވެ.
އެ އިދާރާއިން އާންމުކުރި މިދިޔަ އޮކްޓޫބަރު މަހުގެ މާލީ ރިޕޯޓުން ދައްކާ ގޮތުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ އާމްދަނީގެ ގޮތުގައި 11.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މި މުއްދަތުގައި ޖުމްލަ ހަރަދުގެ ގޮތުގައި ހިނގާފައިވަނީ 10.1 މިލިއަން ރުފިޔާ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
އެގޮތުން، މިދިޔަ މަހު އެ ކައުންސިލަށް ލިބުނު އާމްދަނީގެ ތެރޭގައި ހިމެނެނީ ދައުލަތުން ދިން 7.5 މިލިއަން ރުފިޔާ އާއި ކައުންސިލްގެ އާމްދަނީގެ ގޮތުގައި ލިބުނު 4 މިލިއަން ރުފިޔާއެވެ.
ހަރަދުތަކަށް ބަލާއިރު، ރިކަރަންޓް ހަރަދުގެ ގޮތުގައި 9.8 މިލިއަން ރުފިޔާ ހޭދަވެފައިވާއިރު، އޭގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މުވައްޒަފުންނަށް ހިނގި 5.4 މިލިއަން ރުފިޔާއާއި، މަރާމާތުކުރުމާއި ބެލެހެއްޓުމަށް ހިނގި 2.2 މިލިއަން ރުފިޔާ ގެ އިތުރުން ދައުލަތުގެ ބޭނުމަށް ގެނައި މުދަލާއި ހިދުމަތުގެ އަގަށްވާ 1.6 މިލިއަން ރުފިޔާ ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.
މީގެ އިތުރުން، އޮފީސް ހިންގުމަށް 299،547 ރުފިޔާ، ޕެންޝަނާއި ހާއްސަ އެލަވަންސްތަކަށް 222،365 ރުފިޔާ، އޮޕަރޭޝަން ހިންގުމުގެ އެހެނިހެން ހަރަދަށް 26،439 ރުފިޔާ، ދަތުރުފަތުރަށް 20،020 ރުފިޔާ އަދި ދައުލަތަށް ދައްކަންޖެހޭ ފީތަކަށް 5،500 ރުފިޔާ ހިނގާފައިވެއެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި ހިނގި 262،022 ރުފިޔާ ހޭދަކޮށްފައިވަނީ އޮފީސް އިމާރާތާއި ބިމާއި އެހެނިހެން އިމާރާތްތަކަށެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ބުނި ގޮތުގައި، މި ރިޕޯޓުގައި ހިމަނާފައިވާ މާލީ ހިސާބުތަކަކީ އަދި އޮޑިޓްކޮށްފައިވާ ހިސާބުތަކެއް ނޫންކަމުން، މި މައުލޫމާތަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.