ފަލަސްޠީނުގެ މިނިވަންކަން އިއުލާނުކުރި ދުވަހުގެ މުނާސަބަތުގައި ރައީސްގެ ތަހުނިޔާ
ފަލަސްޠީނުގެ މިނިވަންކަން އިއުލާނުކުރި ދުވަހުގެ މުނާސަބަތުގައި، އެގައުމުގެ ރައީސް، ހިޒް އެކްސަލަންސީ މަޙްމޫދު ޢައްބާސްއަށާއި ބޮޑުވަޒީރު ހިޒް އެކްސަލަންސީ މުޙައްމަދު މުސްޠަފާއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސް މަޙްމޫދު ޢައްބާސްއަށް، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، މިއަދަކީ މިނިވަންކަމާއި ކަރާމާތް ހާސިލުކޮށް، ސިޔާދަތީ މިނިވަން ދައުލަތެއް ބިނާކުރުމަށް ފަލަސްޠީނުގެ ރައްޔިތުން ޒަމާނުއްސުރެ ކުރަމުން އަންނަ މަތިވެރި އުންމީދުތައް ރަމްޒުކޮށްދޭ މުހިންމު ދުވަހެއް ކަމުގައި ވިދާޅުވެފައިވެއެވެ.
އެހެންކަމުން މި މުހިންމު މަސައްކަތުގައި ދެ ގައުމު ގުޅިގެން ކުރަމުންގެންދާ މި މަސައްކަތުގެ ތެރެއިން، ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ އުންމީދު އެމަނިކުފާނު ފާޅުކުރައްވާފައިވެއެވެ.
މީގެއިތުރުން، 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، ފަލަސްޠީނަކީ މިނިވަން އަދި މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ވަކާލާތު ކުރުމުގައި ދެމިއޮންނާނެކަމުގައި، އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މި މަސައްކަތުގައި ދެ ގައުމުން ބަދަހިކަމާއެކު ދެމިތިބުމަކީ، ދެ ގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން، އައު އުސްމިންތަކަކަށް ވާސިލުކޮށްދޭނެ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބޮޑުވަޒީރު މުޙައްމަދު މުޞްޠަފާއަށް ފޮނުއްވި ސިޓީފުޅުގައި، މި ތާރީހީ އިއުލާނަކީ ސުލްހަވެރި އަދި އުފާވެރި މުސްތަގުބަލަކަށް ފަލަސްޠީނުގެ ރައްޔިތުން ކުރާ ދަތުރުގައި އެބައިމީހުންގެ ބަދަހިކަމާއި ސާބިތުކަން ހާމަކޮށްދޭ އަލިގަދަ ދަލީލެއް ކަމުގައި ބަޔާން ކުރައްވާފައިވެއެވެ. އަދި ގައުމީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ފަލަސްޠީނުގެ ރައްޔިތުން މެދުކެނޑުމެއްނެތި ކުރަމުންދާ މަސައްކަތްތަކަށް އެމަނިކުފާނު ވަނީ ތަރުހީބު ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، ފަލަސްޠީނުގެ އަހުންނާއި އުހުތުންނަށް ސުލްހަވެރިކަން ލިބި، އެބައިމީހުންގެ އުންމީދުތައް، ކައިރި މުސްތަގުބަލެއްގައި ހަގީގަތަކަށްވުމަށް އެދިވަޑައިގަންނަވަމުންނެވެ.
މީގެއިތުރުން، އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައިވެސް މި ޝުއޫރުތައް ތަކުރާރުކުރައްވައި، 1967 ގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައިގެން، މިނިވަން ފަލަސްޠީނެއްގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރާމަސައްކަތުގައި ފަލަސްޠީނާއެކު ރާއްޖެއިން ސާބިތުކަމާއެކު ދެމިއޮންނާނެކަން ކަށަވަރުކޮށް ދެއްވާފައިވެއެވެ. އެމަނިކުފާނުގެ ޕޯސްޓް ނިންމަވާލައްވާފައިވަނީ "ފްރޮމް ދަ ރިވަރ ޓު ދަސީ، ޕެލަސްޓައިން ވިލް ބީ ފްރީ" (ކޯރުން ފެށިގެން ކަނޑާ ހަމައަށް، ފަލަސްޠީނު މިނިވަންވާނެ) މި ޝިއާރު ފާޅުކުރައްވަމުންނެވެ.