ފާއިތުވި ހަފްތާގައި ސްކޭމްގެ 28 މައްސަލައެއް؛ ގެއްލުނު ފައިސާގެ އަދަދު ތިން ލައްކައާ ގާތަށް
ގެއްލުނު ފައިސާގެ ތެރެއިން 187،894.34 ރުފިޔާ އަނބުރާ ހޯދާފައިވާއިރު، އެކައުންޓްތަކުގެ ރައްކާތެރިކަމަށް ސަމާލުވުމަށް އިރުޝާދުދީފައިވޭ.
ވޭތުވެދިޔަ ހަފްތާގައި ސްކޭމާ ގުޅުންހުރި 28 މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތަށް ރިޕޯޓްކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ 15 އިން 21 ގެ ނިޔަލަށް ހުށަހެޅުނު ސްކޭމާ ގުޅުންހުރި މައްސަލަތަކުގައި 297،488 ރުފިޔާ ގެއްލުނުއިރު، އެ ފައިސާގެ ތެރެއިން 187،894.34 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ.
މިދިޔަ ހަފްތާގައި ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ހިމެނެނީ އީ-ކޮމާސް އަދި ފައިސާ މާރުކުރުމާ ގުޅޭ މައްސަލަތަކެވެ. އެގޮތުން އީ-ކޮމާސްގެ ނުވަ މައްސަލައަކާއި ފައިސާ މާރުކުރުމުގެ ނުވަ މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.
މީގެ އިތުރުން، ބުކިންގ ކެންސަލްކުރުމާއި ރިފަންޑާ ގުޅޭ ހަތަރު މައްސަލައަކާއި، އޮޅުވާލައިގެން އެހެން މީހަކަށް ހެދިގެން ވާހަކަ ދެއްކުމުގެ ތިން މައްސަލައެއް ހިމެނެއެވެ. އަދި ހުއްދަ ނެތި ހިންގާފައިވާ ޓްރާންސެކްޝަންތަކުގެ ދެ މައްސަލައަކާއި އިންވެސްޓްމަންޓާ ގުޅޭ އެއް މައްސަލަ ވެސް މި މުއްދަތުގައި ރިޕޯޓުކޮށްފައިވެއެވެ.
މިއާއެކު، ވައިބަރ އަދި އެހެން ސޯޝަލް މީޑިއާ އެކައުންޓްތަކާއި މެސެޖިން ޕްލެޓްފޯމްތައް ކޮމްޕްރޮމައިޒްކޮށް، އޮޅުވާލައިގެން އެހެން މީހަކަށް ހެދިގެން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ވަނީ އަންގާފައެވެ.
ސްކޭމަރުން އޮޅުވާލައިގެން އޯޓީޕީ ނުވަތަ ލޮގިން ކޯޑް ހޯދުމަށްފަހު އެކައުންޓްތަކުގެ ކޮންޓްރޯލް ނަގައި، އެ މީހެއްގެ ކޮންޓެކްޓް ލިސްޓުގައި ތިބޭ މީހުންނަށް މެސެޖްކޮށްގެން އާންމުކޮށް 3،800 ރުފިޔާ ހޯދާ ކަމަށް އެ އިރުޝާދުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، އެފަދަ މެސެޖެއް ލިބިއްޖެނަމަ ފައިސާ ނުފޮނުވުމަށާއި، އެ މީހެއްގެ އަސްލު ނަންބަރަށް ގުޅައިގެން އެކަން ޔަގީންކުރުމުގެ އިތުރުން، އޯޓީޕީ ކޯޑް އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އިރުޝާދުދީފައެވެ.