ޖަނަވާރުންގެ ކްލިނިކް ހިންގާނެ ފަރާތެއް ހޯދަނީ، 15 އަހަރު ދުވަހުގެ ކުލި ހިލޭ!

މަރަދޫން ދޫކުރާ އިމާރާތާއި ބިމަށް ފުރަތަމަ 15 އަހަރު އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް ހަމަޖައްސާފައިވޭ

ވެޓް ކްލިނިކެއްގައި ބުޅަލަކަށް ފަރުވާދެނީ.
ވެޓް ކްލިނިކެއްގައި ބުޅަލަކަށް ފަރުވާދެނީ.

އައްޑޫ ސިޓީގައި ޖެނެރަލް ވެޓެރިނަރީ ކްލިނިކެއް ގާއިމުކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ. އެ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މި ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށާއި، ވެޓެރިނަރީ ހިދުމަތްދޭ ފަރާތްތަކާއި ކުންފުނިތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

ކައުންސިލުން ބުނި ގޮތުގައި، މި މަޝްރޫއުގެ މަގުސަދަކީ އައްޑޫ ސިޓީގައި ގެންގުޅޭ ޖަނަވާރުތަކަށް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އެގޮތުން ބަލި ޖަނަވާރު ދެއްކުމާއި، ބަލިތަކުން ރައްކާތެރިކުރުމާއި، އޮޕަރޭޝަންތައް ކުރުމާއި، ކުއްލި ފަރުވާ ދިނުމުގެ އިތުރުން ޖަނަވާރުގެ އާބާދީ ކޮންޓްރޯލްކުރުމުގެ ހިދުމަތް މި ކްލިނިކުން ފޯރުކޮށްދޭންޖެހެއެވެ.

މި ކްލިނިކް ހިންގުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ މަރަދޫގައި ހުންނަ ކައުންސިލްގެ އިމާރާތެއްގައެވެ. އެއީ 3،343 އަކަފޫޓުގެ ބިމެއްގައި ހުރި 832 އަކަފޫޓުގެ އިމާރާތެއް ކަމަށާއި، ހޮވޭ ފަރާތަކުން އެ ތަން މަރާމާތުކޮށް ހިދުމަތް ދިނުމާއި އިދާރީ ހުރިހާ ކަމެއް ބަލަހައްޓަންޖެހޭނެ ކަމަށް ކައުންސިލުން ބުންޏެވެ. މި ބިމާއި އިމާރާތް ފުރަތަމަ 15 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރަނީ ކުއްޔަކާ ނުލައެވެ. ނަމަވެސް އޭގެ ފަހުން މުއްދަތު އިތުރުކުރާނަމަ، ކައުންސިލުން ކަނޑައަޅާ ކުއްޔެއް ނަގާނެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 22 އިން 30 އަށް، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ބީލަން ފޮތް ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަނބުރާ ނުލިބޭ ގޮތަށް 300 ރުފިޔާއަށް ވިއްކާ ބީލަން ފޮތް ގަތުމަށް އެދި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއާއެކު ކައުންސިލްގެ ފައިނޭންސް މެއިލަށް ހުށަހަޅަންޖެހެއެވެ. ބީލަން ހުށަހެޅުމާއި ކެނޑުން އޮންނާނީ ޑިސެންބަރު 20 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައެވެ.

އައްޑޫ ސިޓީ ކައުންސިލްމަރަދޫ
ގުޅުންހުރި ޚަބަރު
ކޮމެންޓް 0