މަރަދޫ ސާފުކުރުމުގައި އަވަށު އޮފީހުގެ މުވައްޒަފުންގެ ނަމޫނާ މަސައްކަތެއް

އާންމު ސަރަހައްދުތައް ސާފުތާހިރުކޮށް ބޭއްވުމުގައި މަރަދޫ އަވަށު އޮފީހުގެ މުވައްޒަފުން ދެއްކި ރީތި މިސާލު.

މަރަދޫ އަވަށު އޮފީހުން އިސްނަގައިގެން ކުރިއަށްގެންދިޔަ "ނަލަ މަރަދޫ" ސާފު ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން. ފޮޓޯ: މަރަދޫ އަވަށު އޮފީސް
މަރަދޫ އަވަށު އޮފީހުން އިސްނަގައިގެން ކުރިއަށްގެންދިޔަ "ނަލަ މަރަދޫ" ސާފު ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން. ފޮޓޯ: މަރަދޫ އަވަށު އޮފީސް

ގަސްތަކުގެ ހިޔަލުން ފިނިކަން ލިބިފައިވާ މަގުމަތި އޮތީ ސާފުކޮށް، ތަރުތީބުންނެވެ. ހިނގާބިނގާވެ އުޅޭ މީހުންނަށް އެ މަގުތަކުން ފެންނަނީ ހިތްގައިމުކަމާއި ތާޒާކަމެވެ. ރަށެއްގެ ރީތިކަމާއި ދިރުން އެންމެ ބޮޑަށް ފެންނަނީ އެ ރަށެއްގެ އާންމު ސަރަހައްދުތަކާއި މަގުތައް ބެލެހެއްޓިފައި އޮންނަ ގޮތުންނެވެ. މަރަދޫ އަވަށު އޮފީހުގެ މުވައްޒަފުން ވަނީ މަރަދޫ ސާފުކުރުމުގައި ނަމޫނާ މަސައްކަތެއް ކޮށްފައެވެ.

ރަށެއް ނުވަތަ އަވަށެއް ސާފުތާހިރުކޮށް ބޭއްވުމަކީ ހަމައެކަނި ވަކި ބައެއްގެ ޒިންމާއެއްގެ ގޮތުގައި ދޫކޮށްލެވޭނެ ކަމެއް ނޫނެވެ. ނަމަވެސް، އިދާރީ މަސައްކަތްތަކުގައި އަވަދިނެތި އުޅޭ މުވައްޒަފުން އަމަލީ ގޮތުން ނުކުމެ، ރަށުތެރެ ސާފުކުރުމުގައި އިސްނެގުމަކީ މުޅި މުޖުތަމައަށް ދެވޭ މުހިންމު މެސެޖެކެވެ. 

އެގޮތުން، މި މަހުގެ 21 ވީ ހޮނިހިރު ދުވަހު މަރަދޫ އަވަށު އޮފީހުން އިސްނަގައިގެން ކުރިއަށްގެންދިޔަ "ނަލަ މަރަދޫ" ސާފުކުރުމުގެ ޕްރޮގްރާމްގެ ދަށުން، މަރަދޫގެ ހޭޅި ފަށުގެ ބޮޑު ސަރަހައްދެއްގެ އިތުރުން ރަށުގެ އެކި ސަރަހައްދުތައްވެސް ސާފުކޮށްފައިވާއިރު، މި މަސައްކަތުގައި މަރަދޫ އަވަށު އޮފީހާ އެ އަވަށުގެ ކްލަބް ޖަމިއްޔާތަކާއި، މުއައްސަސާތަކުގެ އިތުރުން ރަށުގެ ރައްޔިތުން ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ.

މި ހަރަކާތުގެ ތެރެއިން ދެއްކި ވާހަކައިގައި ކައުންސިލަރު ނުސްރަތު ރަޝީދު ވިދާޅުވީ، "ނަލަ މަރަދޫ" ސާފުކުރުމުގެ ޕްރޮގްރާމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް ފެށިގެންދިޔަ ޕްރޮގްރާމެއް ކަމަށާއި، ހުރިހާ ރައްޔިތުންގެ ފަރާތުންވެސް މިކަމުގައި ފުރިހަމަ އެއްބާރުލުންދެއްވުމަށެވެ. އަދި، ހުރިހާ ރައްޔިތުން ވެސް އަމިއްލަ ގޯއްޗާއި، ކައިރި ހިސާބުތައްވެސް ސާފުތާހިރުކޮށް ބޭއްވުމަށް އިސްކަންދީ އެފަދަ ނުރަނގަޅު އަމަލުތައް ކުރާ ފަރާތްތައް ރިޕޯޓްކުރުމަށް އެދިފައިވެއެވެ. 

"މިއަދު ފެށިގެންދިޔައީ ވަރަށް މުހިންމު ޕްރޮގްރާމެއް، އައްޑޫ ސިޓީ ކައުންސިލްގެ އަމާޒަކީ އައްޑޫ އަކީ ނަލަ ތަނަކަށް ހެދުން. މި މަގުސަދު ހާސިލްކުރުމަށް މަރަދޫ އަވަށު އޮފީހުން އިސްނަގައިގެން މަރަދޫގެ ރައްޔިތުންނާއި، ޖަމާއަތްތަކާއި، މުއައްސަސާތަކާ ގުޅިގެން ފެށުނު ޕްރޮގްރާމަކީ ވަރަށް މުހިންމު، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް ހިންގާ ޕްރޮގްރާމެއްކަން ހުރިހާ ރައްޔިތުންގެ މައުލޫމާތަށްޓަކައި ހިއްސާކޮށްލަން،" ނަލަ މަރަދޫ ހަރަކާތް ފެށުމުގެ ގޮތުން ބޭއްވި ހަރަކާތުގެ ތެރެއިން ވާހަކަ ދައްކަވަމުން ކައުންސިލަރު ނުސްރަތު ރަޝީދު ވިދާޅުވިއެވެ.

މަރަދޫ އަކީ ސާފު އަވަށެއްގެ ގޮތުގައި ބޭއްވުމަށް ކޮންމެ ދުވަހަކުވެސް މުނިސިޕަލް ޓީމުން ބުރަ މަސައްކަތްތަކެއް ކުރަމުންދާއިރު، "ނަލަ މަރަދޫ" ސާފުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ފާހަގަވީ އެންމެ މުހިންމު އެއް ކަމަކީ، އެފަދަ މުހިންމު މަސައްކަތްތަކުގައިވެސް މަރަދޫ އޮފީހުގެ އެހެން މުވައްޒަފުންނަށްވެސް ބައިވެރިވެ، ސާފުތާހިރުކޮށް ބޭއްވުމަށް ހިތްވަރާއެކު އަމަލީގޮތުން މަސައްކަތް ކުރެވިދާނެ ކަމެވެ.

މޭޒުދޮށުގައި ތިބެގެން ކުރާ މަސައްކަތުގެ އިތުރުން، މަރަދޫ އަވަށު އޮފީހުގެ މުވައްޒަފުން އަމަލީ މައިދާނުގައި އިސްނަގައި، މި ދައްކުވައިދިނީ ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމުގައި ކޮންމެ ފަރުދަކަށް ވެސް އަދާކުރެވިދާނެ ދައުރު ހަނދާންކޮށްދޭ ފުރިހަމަ މިސާލެކެވެ.

އާންމު ސަރަހައްދުތައް ސާފުކޮށް ބޭއްވުމަކީ އާންމު ސިއްހަތާއި ދިރިއުޅުމުގެ ފެންވަރާ ސީދާ ގުޅިފައިވާ ކަމެކެވެ. ކުނިބުނި ގިނަވެ، ސާފުތާހިރުކަން ގެއްލިއްޖެ ނަމަ، އެ ތަނެއްގެ ރީތިކަން ގެއްލުމުގެ އިތުރުން އެކި ބަލިތައް ފެތުރުމަށް މަގުފަހިވެއެވެ. އެހެންކަމުން، މަރަދޫ އަވަށު އޮފީހުގެ މުވައްޒަފުން އިސްނަގައިގެން ކުރި މި ސާފުކުރުމުގެ މަސައްކަތުން ދައްކައިދެނީ އަމިއްލަ ވަޒަނަށް އޮތް ލޯތްބާއި އަޅާލުމެވެ.

މަރަދޫމަރަދޫ އަވަށު އޮފީސްސާފުކުރުންސާފުތާހިރުކަންނަލަ މަރަދޫ
ގުޅުންހުރި ޚަބަރު
ކޮމެންޓް 0