ބަޖެޓާ ގުޅޭގޮތުން ދީދީއާއި ސޯބެ އައްޑޫ ރައްޔިތުންގެ އިހުސާސްތައް ބަންޑުންކޮށްލައްވައިފި
ބަޖެޓުގައި މަޝްރޫއުތަކުގެ ތަފުސީލު ނެތުމާއި އައްޑޫގެ ތަރައްގީގެ މަސައްކަތްތައް ހުއްޓިފައިވާތީ ދެ މެންބަރުންގެ ފާޑުކިޔުން
އަންނަ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން އައްޑޫ ސިޓީގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި އިހުސާސްތައް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިޤް(ސޯބެ) އާއި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ފާޅުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން ސޯބެ ވިދާޅުވީ، 59.7 ބިލިއަން ރުފިޔާގެ ބަޖެޓުގެ ޚަރަދު 52.6 ބިލިއަން ރުފިޔާއަށް އަރާއިރު، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބެނީ 43.2 ބިލިއަން ރުފިޔާ ކަމަށެވެ. އަދި 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓާއެކު، 2027 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 161.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށާއި، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ކަނޑައެޅި 8.2 ބިލިއަން ރުފިޔާއިން ވަކިވަކި ރަށްތަކުގެ މަޝްރޫއުތަކަށް ކަނޑައެޅި އަދަދުތައް ސިއްރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އައްޑޫ ބްރިޖުގެ އެއްވެސް ވާހަކައެއް ބަޖެޓުގައި ނެތް ކަމަށާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ބޭނުންވާ އާލާތްތަކާއި ޓްރާންސްފޯމަރަށް ފައިސާ ހަމަޖައްސާފައި ނުވާ ކަމަށް ސޯބެ ފާހަގަކުރެއްވިއެވެ. އަދި އައްޑޫ ލިންކް ރޯޑު ހެދުމުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށާއި، ހިތަދޫގައި އަޅަން ނިންމި 200 ފްލެޓާއި، ފުލުހުންގެ މަރުކަޒާއި، އިސްލާމީ މަރުކަޒާއި، ހުޅުދޫ މިފްކޯ ބަނދަރުގެ މަސައްކަތް ވެސް ހުއްޓިފައިވާ ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، އައްޑޫ ހޮސްޕިޓަލުން ޑަޔަލިސިސް ހަދާ ބަލިމީހުންނަށް ބޭހާއި އިންޖެކްޝަން ނުލިބޭއިރު، ޓާޝިއަރީ ހޮސްޕިޓަލްތަކުގެ ކެޕިޓަލް ޚަރަދު 2.4 ބިލިއަން ރުފިޔާއިން 1.6 ބިލިއަން ރުފިޔާއަށް ކުޑަކޮށްފައިވާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ބަޖެޓު ބަހުސްގައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ، ސަރުކާރު ޖަވާބުދާރީކުރުވޭނެ ތަފުސީލުތަކެއް ނެތި ބަޖެޓުގައި ހަމައެކަނި ބްލޮކް ފިގަރތަކެއް ޖަހާފައިވާ ކަމަށެވެ.
އަދި ބޯހިޔާވަހިކަމުގެ ވައުދުތަކުގެ ދަށުން އެއްވެސް ރަށެއްގައި ހައުސިން ޔުނިޓެއްގެ މަސައްކަތް ފަށާފައި ނުވާ ކަމަށާއި، އައްޑޫގައި ދޫކުރި ގޯތިތަކަށް ފެނާއި ނަރުދަމާއާއި ކަރަންޓު ފޯރުކޮށްދޭނެ ކަމުގެ އިޝާރާތެއް ވެސް ބަޖެޓުގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، 890 މިލިއަން ރުފިޔާއަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރި އައްޑޫ ލިންކް ރޯޑުގެ މަޝްރޫއު ފަހުން ޗައިނާ ކުންފުންޏަކާ ހަވާލުކުރި ނަމަވެސް މަސައްކަތް ނުފެށޭ ކަމަށާއި، ފައިސާއާއި އިކުއިޕްމަންޓް ނުލިބިގެން ގަން އެއާޕޯޓުގެ މަސައްކަތް ވެސް ހުއްޓިފައިވާ ކަމަށް ދީދީ ވިދާޅުވިއެވެ.