އައްޑޫ ސިޓީން އެމްޑީޕީ ގައުމީ މަޖިލީހަށް %80 ހިތަދޫ މެންބަރުންނަށް
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އައްޑޫ ސިޓީއަށް އިންތިހާބުކުރި ފަސް ގޮނޑީގެ ތެރެއިން ހަތަރު މަގާމެއް، ހިތަދޫއަށް ނިސްބަތްވާ ފަރާތްތަކުން ހޯދައިފިއެވެ.
އިއްޔެ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖާގަތަކަށް ހޮވިފައިވަނީ، ޑެޕިއުޓީ މޭޔަރު ޝުއާއު އާއި، އިބްރާހިމް އައްސަދު، ޤައިސް ނަސީރު، މުޙައްމަދު ރަޝީދު (މެޓްރިކްސް މޯޑް) އަދި ކައުންސިލަރު އިސްމާއިލް ސައީދުއެވެ.
މީގެ ތެރެއިން އިސްމާއިލް ސައީދު ފިޔަވައި އެހެން ހުރިހާ މެންބަރުންނަކީ ހިތަދޫއަށް ނިސްބަތްވާ މެންބަރުންނެވެ. އޭނާއަކީ އައްޑޫ ސިޓީ ފޭދޫއަށް ނިސްބަތްވާ އަދި އެދާއިރާގެ މިހާރުގެ ކައުންސިލަރެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އައްޑޫ ސިޓީ ތަމްސީލުކުރުމަށް މި ފަސް ގޮނޑިއަށް ދެން ވާދަކޮށްފައިވަނީ މަރަދޫގެ މުޙައްމަދު ރަފީޤާއި، މުޙައްމަދު ރިޔާޒްގެ އިތުރުން ހިތަދޫ އަށް ނިސްބަތްވާ މޫސާ މުޙައްމަދާއި، މުޙައްމަދު އަސްލަމެވެ.
މިފަހަރުގެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ ކުރީން، އޮލިމްޕިކް ކޮމިޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރްޒޫގް (މަރޭ) ވަނީ، ގައުމީ މަޖިލީހުގައި އައްޑޫ ތަމްސީލުކުރާ ހުރިހާ ގޮނޑިއެއް އެއް ރަށަކަށް ދިއުމަކީ މުޅި ސިޓީގެ މަސްލަހަތަށް ބަލާއިރު އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިއީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީއާ ވެސް ފުށުއަރާ ކަމެއް ކަމަށް އޭނާ ސިފަކުރައްވާފައެވެ.
މި މައްސަލައިގައި ހިތްހަމަނުޖެހުން ފާޅުކުރަމުންދާ މެންބަރުން ފާހަގަކުރި ގޮތުގައި، އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރުކަމާއި، ޑެޕިއުޓީ މޭޔަރުކަމުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސާކަން ވެސް މިހާރު އޮތީ ހިތަދޫއަށް ނިސްބަތްވާ ފަރާތްތަކުގެ އަތްމަތީގައެވެ. އެ މަގާމުތައް ހިތަދޫއަށް ދޫކޮށްލީ ހިތުންރުހުމުން ކަމަށާއި، ލޯކަލް ކައުންސިލް އިންތިހާބުގައި އެ ކާމިޔާބީ ހޯދައިދިނުމަށް މައިނޯރިޓީ ރަށްރަށުން ވޯޓު ދިނީ އެ ރަށްރަށަށް ވެސް ފުރުސަތުތަކެއް ލިބޭނެ ކަމަށް ގަބޫލުކޮށްގެން ކަމަށް އެ ފަރާތްތަކުން ބުންޏެވެ.
އެހެންކަމުން، ގައުމީ މަޖިލީހުގެ ގޮނޑިތައް ބަހާލާއިރު ފޭދޫ، މަރަދޫފޭދޫ އަދި މަރަދޫއަށް ގޮނޑި ލިބޭނެ ފަދަ އެއްބަސްވުމަކަށް އަންނަން ޖެހޭ ކަމަށް އޭރު މަރޭ ވިދާޅުވިއެވެ. އަދި މިކަމަށް ހައްލެއް ނުލިބިއްޖެނަމަ، މި ރަށްރަށުގެ މެންބަރުން ގައުމީ މަޖިލީހުގެ އިންތިހާބު ބޮއިކޮޓް ކުރަން ފެންނަ ކަމަށް މަރޭ ފާހަގަކުރެއްވިއެވެ.
މަރޭ މިހެން ވިދާޅުވެފައިވަނިކޮށް، އައްޑޫ ހިތަދޫ އަށް ނިސްބަތްވާ މެންބަރުން މިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އެހެން ދާއިރާތަކުގެ ކެންޑިޑޭޓުންނާ ވާދަކޮށް، މެޖޯރިޓީ ހާސިލްކޮށްފައެވެ.