އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބަށް އައްޑޫގައި 9 ވޯޓު ފޮއްޓެއް

މާލޭގައި ދިރިއުޅޭ އައްޑޫގެ އެމްޑީޕީ މެންބަރުން ވޯޓުލުމަށް ތާޖުއްދީން ސްކޫލުގައި ފޮށިތައް ބެހެއްޓުމަށް ވަނީ ހަމަޖެހިފައި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބަށް އައްޑޫގައި 9 ވޯޓު ފޮއްޓެއް

މާދަމާ ބާއްވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށްޓަކައި އައްޑޫގެ އެކި ދާއިރާތަކުގައި ޖުމުލަ ނުވަ ވޯޓު ފޮށި ބަހައްޓާނެއެވެ. 

މި އިންތިހާބުގައި އައްޑޫގެ ހުރިހާ ދާއިރާއެއްގެ މެންބަރުންނަށް ވޯޓުލުމުގެ އިންތިޒާމު އެ ސިޓީގެ އެކި އަވަށްތަކުގެ ސްކޫލުތަކުގައި ވަނީ ހަމަޖައްސާފައެވެ.

 
އައްޑޫގައި ވޯޓު ފޮށިތައް ބަހައްޓާ ތަންތަނަށް ބަލާއިރު، ހިތަދޫގެ ތިން ދާއިރާއަށް ތިން ސްކޫލެއްގައި ވޯޓު ފޮށި ބަހައްޓާނެއެވެ. އެގޮތުން ހިތަދޫ އުތުރު ދާއިރާގެ ވޯޓު ފޮށި ހިތަދޫ ސްކޫލުގައި ބަހައްޓާއިރު، މެދު ދާއިރާގެ ވޯޓު ފޮށި ބަހައްޓާނީ ހިތަދޫ ނޫރާނީ ސްކޫލުގައެވެ. އަދި ދެކުނު ދާއިރާގެ ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ޝަރަފުއްދީން ސްކޫލުގައެވެ.

ފޭދޫއާއި މަރަދޫ އަދި މަރަދޫފޭދޫ ހިމެނޭ ދާއިރާތަކަށް ޖުމުލަ ހަތަރު ވޯޓު ފޮށި ބަހައްޓާނެއެވެ. މީގެ ތެރެއިން ފޭދޫ ދެކުނު ދާއިރާގެ ވޯޓު ފޮއްޓާއި ފޭދޫ އުތުރު ދާއިރާގެ ވޯޓު ފޮށި ބަހައްޓާނީ ފޭދޫ ސްކޫލުގައެވެ. މީގެ އިތުރުން، ފޭދޫ އުތުރު ދާއިރާގައި ހިމެނޭ މަރަދޫފޭދޫއަށް ނިސްބަތްވާ ރައްޔިތުން ވޯޓުލުމަށްޓަކައި، އެ ދާއިރާގެ އިތުރު ވޯޓު ފޮއްޓެއް މަރަދޫފޭދޫ ސްކޫލުގައި ބަހައްޓާނެއެވެ. އަދި މަރަދޫ ދާއިރާއަށް ކަނޑައަޅާފައިވާ އެއް ވޯޓު ފޮށި ބަހައްޓާނީ މަރަދޫ ސްކޫލުގައެވެ.

ހުޅުދޫއާއި މީދޫ ހިމެނޭ ދެ ދާއިރާގެ ވޯޓު ފޮށިތައްވެސް ބަހައްޓާނީ އެ ދެ އަވަށުގެ ސްކޫލުތަކުގައެވެ. އެގޮތުން ހުޅުދޫ ދާއިރާގެ ވޯޓު ފޮށި ހުޅުދޫ ސްކޫލުގައި ބަހައްޓާއިރު، މީދޫ ދާއިރާގެ ވޯޓު ފޮށި ބަހައްޓާނީ ސ. އަތޮޅު ސްކޫލުގައެވެ.

އައްޑޫގައި ބަހައްޓާ މި ނުވަ ފޮށީގެ އިތުރުން، މާލޭގައި ތިބި އެމްޑީޕީގެ މެންބަރުން މި އިންތިހާބުގައި ވޯޓުލުމަށް ހާއްސަ ފޮށިތަކެއް މާލޭގައިވެސް ބަހައްޓާނެއެވެ. މާލޭގައި ތިބި މެންބަރުން ވޯޓުލާނެ ފޮށިތައް ބަހައްޓާފައި ހުންނާނީ ތާޖުއްދީން ސްކޫލުގައެވެ.

އެމްޑީޕީއެމްޑީޕީ ގައުމީ މަޖިލިސް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0