ހުޅުދޫގައި މޯލްޑިވިއަންގެ ސޭލްސް އޭޖެންޓަކަށް ވުމުގެ ފުރުސަތު ހުޅުވާލައިފި

ހުޅުދޫ އަދި މީދޫއަށް އޭޖެންޓަކު ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހޯމަ ދުވަސް.

މޯލްޑިވިއަންގެ ބޯޓެއް. ފޮޓޯ: އައިލެންޑް އޭވިއޭޝަން
މޯލްޑިވިއަންގެ ބޯޓެއް. ފޮޓޯ: އައިލެންޑް އޭވިއޭޝަން

އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން އައްޑޫ އަތޮޅުގައި ޕެސެންޖާ ސޭލްސް އޭޖެންޓަކު އައްޔަންކުރުމަށް އަލުން ބިޑަށް ހުޅުވާލާފައިވާކަން އެ ކުންފުނިން އިއުލާންކޮށްފިއެވެ. 

އެ ކުންފުނިން ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މި ފުރުސަތު ހުޅުވާލާފައިވަނީ އައްޑޫ އަތޮޅު ހުޅުދޫ އަދި މީދޫއަށް ޕެސެންޖާ ސޭލްސް އޭޖެންޓަކު ހަމަޖެއްސުމަށް ކަމަށެވެ. މި މަސައްކަތަށް ޝައުގުވެރިވާ، ކަމުގެ ގާބިލުކަމާއި ތަޖުރިބާ ހުރި ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް އެ ކުންފުނިން ވަނީ ދައުވަތު ދީފައެވެ. އަދި މި މަސައްކަތާ ގުޅޭ ޝަރުތުތަކާއި ތަފްސީލުތައް ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރުއެފްޕީ) ކަރުދާހުގައި ހިމަނާފައިވާނެ ކަމަށް އައިއޭއެސްއެލްއިން ބުންޏެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ފޯމު ފުރިހަމަކުރުމަށްފަހު، އަންނަ ހޯމަ ދުވަހުގެ ރޭގަނޑު 23:59 ގެ ކުރިން އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރަން ޖެހެއެވެ.

އައިއޭއެސްއެލްއިން ބުނި ގޮތުގައި، އީމެއިލް ފޮނުވާއިރު އެ ކުންފުނިން ކަނޑައަޅާފައިވާ އީމެއިލް އެޑްރެސްތަކަށް ސީސީ ކުރުމާއެކު، އީމެއިލްގެ ސަބްޖެކްޓްގައި އިއުލާނުގެ ރެފަރެންސް ކޯޑު ކަމަށްވާ ޕީއެސްއޭ04-2026 ހިމަނަން ޖެހޭނެއެވެ. މި މަސައްކަތަށް ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ކަނޑައެޅިފައިވާ ސުންގަޑީގެ ތެރޭގައި ޝައުގުވެރިކަން ފާޅުކޮށް ރަޖިސްޓްރީވާ ފަރާތްތަކުން އެކަންޏެވެ. މިކަމާ ގުޅޭ އާރުއެފްޕީ ކަރުދާހާއި އީއޯއައި ފޯމު ގެޒެޓުގައިވާ އިއުލާނާއެކު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އައިއޭއެސްއެލްއިން މި މަސައްކަތަށް އަލުން ބިޑަށް ހުޅުވާލާފައިމިވަނީ، މީގެ ކުރިން ހުޅުދޫ އަދި މީދޫއަށް ޕެސެންޖާ ސޭލްސް އޭޖެންޓަކު ހޯދުމަށް ކުރި އިއުލާން ބާތިލުކުރުމަށްފަހުގައެވެ. 

އެ ކުންފުނިން ބުނި ގޮތުގައި، އޮކްޓޫބަރު 29 ގައި ގެޒެޓުކުރި ނަންބަރު އައިއޭއެސް/އެމްއައިއެސް/2026-1673 އިއުލާނާ ގުޅިގެން ކުރިއަށްގެންދިޔަ ބިޑު ވަނީ ބާތިލުކޮށްފައެވެ. ނަމަވެސް، ކުރީގެ ބިޑު ބާތިލުކުރި ސަބަބެއް އެ ކުންފުނީގެ އިއުލާނުގައި ބަޔާންކޮށްފައެއް ނުވެއެވެ.

އައްޑޫ ސިޓީއައްޑޫހުޅުދޫމޯލްޑިވިއަންމީދޫސޭލްސް އޭޖެންޓްއައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްއައިއޭއެސްއެލް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0