އައްޑޫ މީދޫ ކައުންސިލުން ސަބްމާސިބަލް ސޭންޑް ޕަމްޕެއް ހޯދަނީ
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ ކުރިން ރަޖިސްޓަރީކުރަން ޖެހޭ.
އައްޑޫ މީދޫ ކައުންސިލްގެ އިދާރާއަށް ސަބްމާސިބަލް ސޭންޑް ޕަމްޕެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އެ ކައުންސިލުން އިއުލާންކޮށްފިއެވެ.
އެ އިދާރާއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ އިދާރާއިން އާންމުކޮށްފައިވާ މައުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތިން 15 ކިލޯވޮޓް / 20 ހޯސްޕަވަރގެ މޯޓަރ ޕަވަރ މި ޕަމްޕު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
އިއުލާނާއެކު ހިމަނާފައިވާ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާގޮތުން، މި ޕަމްޕުގެ ވޯލްޓޭޖުގެ ގޮތުގައި 400 އަދި، މެކްސިމަމް ކެޕޭސިޓީގެ ގޮތުގައި 6.20 ކިއުބިކް މީޓަރު ހުންނަންޖެހެއެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހޯމަ ދުވަސް ކަމަށްވާ ނޮވެންބަރު 30 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ރަޖިސްޓަރީކުރަން ޖެހޭނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.
ރަޖިސްޓަރީކުރުމަށްޓަކައި އެ ކައުންސިލްގެ ޕްރޮކިއުމަންޓް އީމެއިލް ([email protected]) އަށް މެއިލްކުރުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން، މިކަމަށް އެދި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ ޑިސެންބަރު 7 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި އައްޑޫ މީދޫ ކައުންސިލްގެ އިދާރާގައި ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުންވެސް އެ އިދާރާގެ ޕްރޮކިއުމަންޓް އީމެއިލަށް މެއިލްކުރުމަށް ކައުންސިލުން އެދެއެވެ. އަދި މި މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް އެ އިއުލާނާއެކު އެއްކަރުދާސްކޮށްފައިވާ ކަމަށް އައްޑޫ މީދޫ ކައުންސިލްގެ އިދާރާއިން ބުންޏެވެ.