އައްޑޫ ސިޓީ ކައުންސިލާއި ޗައިނާގެ ޔީވޫ ސިޓީއާ ދެމެދު ގުޅުން ބަދަހިކުރުމުގެ ގޮތުން ވެވޭ ފަހުމުނާމާގައި ސޮއިކުރުމަށްޓަކައި، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާއި އިތުރު ތިން ކައުންސިލަރަކު ޗައިނާއަށް ފޮނުވުމަށް ކައުންސިލުން ފާސްކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ނިންމާފައިވަނީ ދެ ސިޓީގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެފަރާތަށް ލާބައާއި މަންފާ ލިބޭނެ ފަދަ ދާއިރާތަކުން އެއްބާރުލުން ދިނުމަށެވެ. އެގޮތުން ދަނޑުވެރިކަމާއި، ސިއްޙީ ދާއިރާގެ އިތުރުން ތަޢުލީމާއި ޘަޤާފީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މި ފަހުމުނާމާގެ ދަށުން ވަނީ އެއްބަސްވެވިފައެވެ.

މީގެއިތުރުން، އައްޑޫ ސިޓީއާއި ޔީވޫ ސިޓީއާ ދެމެދު ކުރެވޭ ދަތުރުތައް އިތުރުކޮށް، ބައިނަލްއަޤްވާމީ ރަޙުމަތްތެރިކަމުގެ ބަދަހި ގުޅުމެއް ޤާއިމުކުރުމަށް ވެސް މި އެއްބަސްވުމުގެ ދަށުން ވަނީ އަމާޒު ހިފާފައެވެ.

މި އެމްއޯޔޫގައި ސޮއިކުރުމަށްޓަކައި ޗައިނާއަށް ދިއުމަށް ހަމަޖެހިފައިވަނީ ޖުމްލަ 5 ބޭފުޅުންގެ ވަފުދެކެވެ. މީގެ ތެރޭގައި  ހިމެނިވަޑައިގަންނަވަނީ މޭޔަރު ޢަލީ ނިޒާރުގެ އިތުރުން، ކައުންސިލަރު އަޤީލް މުޙައްމަދާއި، ކައުންސިލަރު ނަޒީރު އަދި ކައުންސިލަރު ޒަރީރެވެ. ފަސްވަނަ ފަރާތަކީ ކައުންސިލްގެ އިދާރީ މުވައްޒަފެކެވެ.

މި ދަތުރުގެ ސަބަބުން އައްޑޫ ސިޓީގެ ތަރައްޤީއަށް މުހިންމު ފުރުޞަތުތަކެއް ފަހިވެ، ބައިނަލްއަޤްވާމީ ފެންވަރުގައި ސިޓީގެ ގުޅުންތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ކައުންސިލުން ދެކެއެވެ.