ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް: ރައީސް
ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ނަސްރުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފަހުރުވެރި ދިވެހި ސިފައިންނާއި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވައި، މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
"އަޅުގަނޑުމެންގެ މި ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް." ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، އެމަނިކުފާނުގެ ޕޯސްޓުގައިވަނީ، ނަސްރުގެ ދުވަހަށް ހާއްސަ ޅެން ބައިތެއް ވެސް ހިމަނުއްވާފައެވެ. އެއީ؛
"ކިޔާ ދޫތަކުން މީ ޝުކުރުވެރި ތަރާނާ
ޝަހީދުންގެ ޒިކުރާގެ މަތިވެރި ފަސާނާ
ހިޔާ ފެތުރުވީ ރީތި މިނިވަން އަމާނާ
ފިދާކޮށް މި ވަތަނަށްޓަކާ ރޫހު ޖާނާ" މި ބައިތެވެ.
ރައީސްގެ ޕޯސްޓު ނިންމަވާލައްވާފައިވަނީ، މި ލޮބުވެތި ގައުމުގެ ދިފާއުގައި ޝަހީދުވެގެންދިޔަ އަބްތާލުންނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވުމަށް އެދި ދުއާކުރައްވަމުންނެވެ.
ނަސްރުގެ ދުވަސް ފާހަގަ ކުރަނީ ނޮވެންބަރު 3، 1988 ގައި ދިވެހި ގައުމަށް ލިބުނު މަތިވެރި ނަސްރުގެ ހަނދާން އަައު ކުރުމުގެ ގޮތުންނެވެ.