ސްޓެލްކޯއިން އައްޑޫގެ ކަރަންޓާއި ހަވާލުވިތާ މަހެއް؛ އިތުރު ޖެންސެޓްތަކެއް ގެނެސްފި
އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އެ ސިޓީއަށް އިތުރު ޖަނަރޭޓަރުތަކެއް ސްޓޭޓް އިލެކްޓްރިކް ކޮމްޕެމީ ލިމިޓެޑް (ސްޓެލްކޯ) އިން ގެންގޮސްފިއެވެ.
ސްޓެލްކޯއިން މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، އައްޑޫ ސިޓީގެ ކަރަންޓުގެ ހިދުމަތް އެ ކުންފުނިން ދޭން ފެށުމަށްފަހު، އެ ސިޓީގެ ކަރަންޓުގެ ހަލަތު ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅުކުރުމަށް ކުރެވެމުންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން، 1.6 މެގަވޮޓްގެ ދެ ޖަނަރޭޓަރު ސެޓް ގެންގޮސްފައިވާ ކަމަށެވެ.
މި ޖަނަރޭޓަރު ސެޓްތައް އިންސްޓޯލްކޮށް، ކޮމިޝަންކުރުމުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމާއެކު، މިހާރަށްވުރެ ކެޕޭސިޓީ 3.2 މެގަވޮޓް އިތުރުވުމާއެކު، އައްޑޫ ސިޓީގައި ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރުވެ، ރައްޔިތުންނަށް ފޯރުކޮށްދެވޭ ކަރަންޓުގެ ހިދުމަތުގެ ފެންވަރު އިތުރަށް ފުރިހަމަ ވެގެންދާނެކަމަށް ސްޓެލްކޯއިން ގަބޫލުކުރެއެވެ.
އައްޑޫ ސިޓީގެ ކަރަންޓުގެ ހިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވީ މިދިޔަ ސެޕްޓެންބަރު މަހުގެ 30ގައެވެ. އޭގެފަހުން، މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކަރަންޓްގެ މައްސަލަ އަކީ މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު މުޅި ރާއްޖެއަށް ވެސް ދިމާވެފައި އޮތް ބޮޑު މައްސަލައެކެވެ. އެ މައްސަލަ ހައްލުކުރައްވާ އަސާސީ އެ ހިދުމަތް ޔަގީންކޮށް ދެއްވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.