އެމްއެންޔޫ އައްޑޫ ހިތަދޫ ކެމްޕަހުގެ ފެބުރުއަރީ އިންޓޭކްގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި
ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު 28 ޖެނުއަރީ 2027ގެ ނިޔަލަށް އޮންނާނެ
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ހިތަދޫ ކެމްޕަހުގައި 2027 ވަނަ އަހަރުގެ ފެބުރުވަރީ އިންޓޭކްގައި ފަށާ ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލާކަން އެ ޔުނިވަރސިޓީން އިއުލާންކޮށްފިއެވެ.
ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އެމްއެންޔޫގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި، މި ކޯސްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން 28 ޖެނުއަރީ 2027 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށް އޮންނާނެއެވެ.
އެމްއެންޔޫއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ހިތަދޫ ކެމްޕަހުގައި ތަފާތު ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި ބަސްތަކާއި އަދަބިއްޔާތުގެ ދާއިރާއިން ހޮސްޕިޓަލިޓީއަށް ބޭނުންވާ ބަސްތަކާއި، އަރަބި ބަހާއި، ލައިބްރަރީ އެންޑް އިންފޮމޭޝަން ސާވިސަސްގެ އިތުރުން ދިވެހި ބަހާއި ސަގާފަތުގެ މާސްޓާސް ކޯސް ހިމެނެއެވެ. ކިޔަވައިދިނުމުގެ ދާއިރާއިން އެޑިއުކޭޝަންގެ އެޑްވާންސްޑް ސެޓްފިކެޓުން ފެށިގެން ޕްރައިމަރީ ޓީޗިންގް، ސްޕެޝަލް އެޑިއުކޭޝަން، އަދި މާސްޓާސް އާއި ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ ކޯސްތައް ހިމެނެއެވެ.
މީގެ އިތުރުން ސައިންސް، ބިޒްނަސް، އާޓްސް، އަދި ހިއުމެނިޓީސްގެ ފައުންޑޭޝަން ކޯސްތަކާއި، އިންފޮމޭޝަން ޓެކްނޮލޮޖީ، ހޯޓިކަލްޗާ، މެނޭޖްމަންޓް، ހިއުމަން ރިސޯސް، ސްޓެޓިސްޓިކްސް، އަދި އެކައުންޓިންގް ކޯސްތައް ހިމެނެއެވެ. ހަމައެއާއެކު ޝަރީއަތާއި ގާނޫނު، އިމާމުކަމާއި ހަތީބުކަމުގެ ޑިޕްލޮމާ، ޕެޓިސަރީ، ފްލެބޮޓޮމީ އަދި ނާސިންގްގެ އެކި ފެންވަރުގެ ކޯސްތައް ވެސް މި އިންޓޭކްގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހި ސަރުކާރުގެ ގެޒެޓާއި އެމްއެންޔޫ އިން ހާމަކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، ކޯސްތަކަށް ވަނުމަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވަނީ އެ ޔުނިވަރސިޓީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ކޯސްތަކުގެ ޝަރުތުތަކާއި ފީ އަދި ސިލަބަހާ ގުޅޭ މައުލޫމާތު ޔުނިވަރސިޓީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
އިތުރު މައުލޫމާތު ހޯދުމަށް ޔުނިވަރސިޓީގެ ހޮޓްލައިން ނަންބަރު 1445 ނުވަތަ ހިތަދޫ ކެމްޕަހުގެ ނަންބަރު 3345242 އަށް ގުޅުމަށް އަދި ސްޓޫޑެންޓް ސާވިސަސްއަށް އީމެއިލް ކުރުމަށް އެމްއެންޔޫއިން ވަނީ އެދިފައެވެ.