ގޯތިތައް ފަޅުވާން ދޫކޮށްލާތީ ފޭދޫ އަވަށު އޮފީހުން ކަންބޮޑުވުން ފާޅުކޮށްފި
ތަކުރާރުކޮށް އެންގި ނަމަވެސް ގޯތިތައް ސާފު ނުކުރާތީ އާންމު ރައްޔިތުންނަށް އޭގެ އުނދަގޫ ފޯރާ ކަމަށް އަވަށު އޮފީހުން ވަނީ ބުނެފަ.
ދިރިއުޅުމަށް ދޫކުރާ ގޯތިތައް ސާފު ނުކޮށް ފަޅުވާން ދޫކޮށްފައި ބަހައްޓާތީ ފޭދޫ އަވަށު އޮފީހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ފޭދޫ އަވަށު އޮފީހުން ބުނި ގޮތުގައި، ދިރިއުޅުމަށް ދޫކުރެވޭ ގޯތިތަކަކީ ސާފުކޮށް ބަލަހައްޓަންޖެހޭ ތަންތަނަށް ވެފައި، އެ ތަންތަނުގެ ވެރިފަރާތްތަކުން ގޯތިތައް ފަޅުވާން ދޫކޮށްފައި ބެހެއްޓުމަކީ އެތަކެއް އިޖުތިމާއީ އަދި ސިއްހީ މައްސަލަތައް ކުރިމަތިވާނެ ކަމެކެވެ.
މީގެ އިތުރުން، މިފަދަ ތަންތަން ސާފުތާހިރުކޮށް ބަލަހައްޓައިދިނުމަށް
އަވަށު އޮފީހުގެ ފަރާތުން ގޯތިތަކުގެ ވެރިފަރާތްތަކަށް ތަކުރާރުކޮށް އަންގާފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
ނަމަވެސް، ތަކުރާރުކޮށް އަންގާއިރުވެސް މިކަމަށް އެދެވޭ ހައްލެއް ނުލިބޭތީ، އެކަމުގެ އުނދަގޫ އާންމުކޮށް ހުރިހާ ރައްޔިތުންނަށް ފޯރާކަމީ އެ އޮފީހުން އިންތިހާއަށް ހިތާމަކުރާ ކަމެއް ކަމަށް އަވަށު އޮފީހުން ފާހަގަކުރިއެވެ.
ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތިތަކާއި އަމިއްލަ ގޯތިތައް ބޭނުންކުރުމާއި އެ ތަންތަނާ މެދު އަމަލުކުރަންވާނީ އެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އެ ގާނޫނުގެ ދަށުން، ބަންޑާރަ ގޯއްޗެއް ލިބިފައިވާ މީހަކު ތަކުރާރުކޮށް އެ ގާނޫނާ ހިލާފުވެއްޖެނަމަ ނުވަތަ ގޯތި ދޫކުރެވުނުއިރު ޝަރުތުކޮށްފައިވާ ކަމަކާ ހިލާފުވެއްޖެނަމަ، ގާނޫނުގައިވާ ގޮތުގެ މަތިން އެ ގޯއްޗެއް ވަކިކުރުމުގެ އިހުތިޔާރު ސަރުކާރަށް ލިބިގެންވެއެވެ.
އަދި ބަންޑާރަ ގޯއްޗެއް ދޫކުރެވޭ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ގޯއްޗެއްގައި ދިރިއުޅެން ނުފަށައިފިނަމަވެސް، އެ ގޯއްޗެއް ވަކިކުރުމުގެ އިހުތިޔާރު ސަރުކާރަށް އޮވެއެވެ.