އައްޑޫގެ ކޯޓުތަކަށް ހުށަހެޅި ޖިނާއީ ދައުވާތަކުގެ 98 އިންސައްތަ ފިރިހެނުންގެ މައްޗަށް

ޕީޖީ އޮފީހުން އައްޑޫގެ ކޯޓުތަކަށް 133 މައްސަލައެއް ހުށަހެޅިއިރު އަންހެނުންގެ މައްޗަށް އުފުލައިފައިވަނީ އެންމެ ތިން ދައުވާ

އައްޑޫގެ ކޯޓުތަކަށް ހުށަހެޅި ޖިނާއީ ދައުވާތަކުގެ 98 އިންސައްތަ ފިރިހެނުންގެ މައްޗަށް

އައްޑޫ ސިޓީގެ ކޯޓުތަކަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) އިން ހުށަހެޅި ޖިނާއީ މައްސަލަތަކުގެ 98 އިންސައްތަ މައްސަލައިގައި ދައުވާ އުފުލައިފައިވަނީ ފިރިހެނުންގެ މައްޗަށެވެ.

ޕީޖީ އޮފީހުން އާންމުކޮށްފައިވާ 2025 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެ އޮފީހުގެ އައްޑޫ ގޮފިން އެ ސިޓީގެ ކޯޓުތަކަށް ޖިނާއީ ދައުވާކުރުމަށް ޖުމްލަ 133 މައްސަލައެއް ހުށަހަޅައިފައިވެއެވެ. މީގެ ތެރެއިން 130 ދައުވާއަކީ ފިރިހެނުންގެ މައްޗަށް އުފުލައިފައިވާ ދައުވާތަކެވެ.

މި ތަފާސްހިސާބުތަކަށް ބަލާއިރު، އައްޑޫ ސިޓީގެ ކޯޓުތަކުގައި އަންހެނުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލައިފައިވަނީ އެންމެ ތިން މައްސަލައެއްގައެވެ. އަންހެނުންގެ މައްޗަށް ދައުވާ އުފުލި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ފޯރުވުމުގެ މައްސަލައަކާއި، މުދަލަށް ގެއްލުން ދިނުމުގެ މައްސަލައެކެވެ. މީގެ އިތުރުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައިވެސް އަންހެނެއްގެ މައްޗަށް ދައުވާ އުފުލައިފައިވެއެވެ.

ޕީޖީ އޮފީހަކީ ރާއްޖޭގައި ޖިނާއީ ދައުވާތައް އުފުލުމުގެ ކަންކަން ބެލެހެއްޓުމަށް އުފައްދައިފައިވާ މިނިވަން މުއައްސަސާއެކެވެ. އެ އޮފީހަށް ހުށަހެޅޭ މައްސަލަތަކާއި އެ އޮފީހުގެ މަސައްކަތްތަކާ ގުޅޭ ތަފާސްހިސާބުތައް އާންމުކުރުމަށް އާމަހީގެ ނަމުގައި އޮންލައިން ޑޭޓާބޭސްއެއްވެސް އެ އިދާރާއިން ބޭނުންކުރެއެވެ. 

އައްޑޫ ސިޓީގެ ކޯޓުތަކަށް ހުށަހެޅި މި 133 މައްސަލައިގެ އަދަދުތަކަކީ ހަމައެކަނި ޕީޖީ އޮފީހުގެ އައްޑޫ ގޮފީގެ 2025 ވަނަ އަހަރުގެ ތަފާސްހިސާބުތަކެވެ.

އައްޑޫ ސިޓީއައްޑޫޕީޖީ އޮފީސްޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0