އޭއީއެޗުން ބޮޑު އަގުގައި މަސައްކަތް ކުރުވުމުން އެތައް ލައްކަ ރުފިޔާއެއްގެ ގެއްލުން!

ކުޑަ އަގު ހުށަހެޅި ފަރާތްތަކުގެ ބީލަންތައް ބާތިލުކޮށް މާލިއްޔަތުގެ ގަވާއިދާ ހިލާފަށް މަސައްކަތްތައް ހަވާލުކޮށްފައިވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވޭ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް. ފޮޓޯ: އޭއީއެޗް
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް. ފޮޓޯ: އޭއީއެޗް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބޮޑު އަގުގައި މަސައްކަތްތައް ހަވާލުކޮށްގެން ދައުލަތަށް އެތައް ލައްކަ ރުފިޔާއެއްގެ ގެއްލުން ވެފައިވާކަން ހާމަވެއްޖެއެވެ. 

މިކަން ހާމަވެފައިވަނީ އޭއީއެޗްގެ އޮޑިޓް ރިޕޯޓުންނެވެ.  އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރު އެ ހޮސްޕިޓަލުން ބައެއް މަސައްކަތްތައް ކުރުވާފައިވަނީ ކުޑަ އަގު ހުށަހެޅި ފަރާތްތައް ބާކީކޮށް، އަންދާޒާކުރި އަގަށްވުރެ އެތައް ގުނައެއް ބޮޑު އަގެއްގައެވެ. 

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (2017/R-20) ގެ 10.01 ވަނަ މާއްދާގެ (ހ) އާއި 10.45 ވަނަ މާއްދާގެ (ޅ) ގެ ތިންވަނަ ނަންބަރުގައިވާ ގޮތުން، ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ފައިސާ ހަރަދުކުރަންޖެހެނީ ވާދަވެރި އަދި ހާމަކަންބޮޑު ގޮތެއްގައި، އަންދާޒާކުރާ އަގާ އަޅައި ބަލާއިރު އެކަށީގެންވާ އަގުތަކެއްގައިކަން ކަށަވަރުކޮށްގެންނެވެ.

މިގޮތުން ފާހަގަކޮށްފައިވާ ފުރަތަމަ މައްސަލައަކީ ހޮސްޕިޓަލުގެ ބޭރުގައި ޖަހާފައިވާ ތަށިމުށި ބަދަލުކުރުމުގެ މަސައްކަތެވެ. ތިން ކެޓަގަރީއަކަށް ބަހާލައިގެން ކުރި އިއުލާނުގެ ތިންވަނަ ކެޓަގަރީ ކަމަށްވާ މެއިން ބިލްޑިންގުގެ ބޭރުގެ ތަށިމުށި ބަދަލުކުރުމަށް އެންމެ ކުޑަ އަގެއްގެ ގޮތުގައި ކުންފުންޏަކުން ހުށަހެޅީ 699،840 ރުފިޔާއެވެ. ނަމަވެސް، ބިލް އޮފް ކުއަންޓިޓީސްގައި އެންމެ އައިޓަމެއްގެ އަގު ޖަހާފައި ނެތް ކަމަށް ބުނެ އެ ބީލަން ބާތިލުކުރިއެވެ. 

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބަޔާންކޮށްފައިވާ ގޮތުގައި، ބީލަން ފޯމުގައި ޖުމުލަ އަގު ހިމަނާފައި އޮތުމުން އަގު ނުޖަހާ އޮތް ހަމައެކަނި އައިޓަމުގެ އަގު އެ ފޯމުން އެނގެން އޮތެވެ. އެ ބީލަން ކެންސަލްކުރުމަށްފަހު ހޮސްޕިޓަލުން އެ މަސައްކަތް ހަވާލުކުރީ ދެވަނައަށް ބީލަން ހުށަހެޅި ކުންފުންޏަށް 1،277،521ރ. (އެއް މިލިއަން ދެލައްކަ ހަތްދިހަ ހަތްހާސް ފައްސަތޭކަ އެކާވީސް ރުފިޔާ) އަށެވެ. މި މަސައްކަތަށް ހޮސްޕިޓަލުން ކުރިން އަންދާޒާކޮށްފައިވަނީ 250،000 ރުފިޔާ ކަމަށްވާއިރު، މަސައްކަތް ހަވާލުކޮށްފައިވަނީ އަންދާޒާކުރި އަގަށްވުރެ 1،027،521ރ. (އެއް މިލިއަން ހަތާވީސްހާސް ފައްސަތޭކަ އެކާވީސް ރުފިޔާ) ބޮޑުކޮށް، އަދި އެންމެ ކުޑަ އަގު ހުށަހެޅި ފަރާތަށްވުރެ 577،681 ރުފިޔާ ބޮޑުކޮށް ކަމަށް އެ އޮފީހުން ފާހަގަކޮށްފައިވެއެވެ.


އޭއީއެޗްއައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0