އިންޑިއާ އިން އަނެއްކާވެސް ސަރަހައްދީ ފުޓްބޯޅައިގެ ރަސްކަމަށް
މިއީ އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ދިހަވަނަ ފަހަރު.
ބަންގްލަދޭޝްގައި ކުރިއަށްދިޔަ ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގެ ފައިނަލުގައި ފަހަތުން އަރައި، އަވައްޓެރި ޕާކިސްތާން 2-1 އިން ބަލިކޮށް، އިންޑިއާ އިން އެ މުބާރާތުގެ ޗެމްޕިއަންކަން 10 ވަނަ ފަހަރަށް ހޯދައިފިއެވެ.
މިއީ އިންޑިއާ އިން އެ މުބާރާތުގެ ތަށި ވިދިވިދިގެން ތިން ފަހަރަށް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
ޑާކާގެ ނޭޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ޕާކިސްތާނަށް ލީޑުނަގައިދިނީ މި ފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންއަންނަ ފޯވާޑް، އަލަމްގިރް އަލީ ޚާނެވެ. މި ދެ ޓީމު މީގެކުރީން މުބާރާތުގައި ކުޅުނު މެޗުގައިވެސް އޭނާ ލަނޑުޖެހިއެވެ.
ފުރަތަމަ ހާފު ނިމެންދަނިކޮށް ނެގި ލީޑާއެކު ޕާކިސްތާނުން އިތުބާރާއެކު އެ ހާފު ނިންމާލިނަމަވެސް، ފަހު ހާފުގެ ކުރީކޮޅު އެ ޓީމުގެ ކުޅުންތެރިއަކަށް ސީދާ ރަތެއް ދެއްކުމުން ވަނީ މައްސަލަތައް ކުރިމަތިވެފައެވެ.
މެޗުގެ 59 ވަނަ މިނެޓުގައި އިންޑިއާގެ މެދުތެރެއަށް ކުޅެމުންއަންނަ ބްރައިސަން ފެނާންޑޭސްއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން، ރެފްރީ ވަނީ ޕާކިސްތާނުގެ ޑިފެންޑަރު ޖުނައިދު ޝާހަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ. ރެފްރީ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށްފަހުއެވެ.
އޭގެފައިދާނަގައި، އިންޑިއާ އިން ވަނީ ކުޑައިރުކޮޅެއްގެ ތެރޭގައި ނަތީޖާ އެއްވަރުކޮށްފައެވެ. އެ ޓީމަށް މި ލަނޑުޖަހައިދިނީ މުބާރާތުގެ ފުރަތަމަ މެޗުގައި ޕާކިސްތާނު ކޮޅަށް ދެ ލަނޑު ކާމިޔާބުކޮށްދިން ސުހައިލް ބަޓެވެ.
މި ނަތީޖާގައި އޮވެ، މެޗުގެ ފުރިހަމަވަގުތު ހަމަވާން ދަނިކޮށް، ބާކީ ދެ މިނެޓު އޮއްވާ، އިންޑިއާ މޮޅުވި ލަނޑުޖަހައިދިނީ ލިބުނު ކޯނަރަކުން ސަންދީޕް މަންދީއެވެ.