ފޭދޫ އިއްބެގެ މޮޅުކުޅުމާއެކު މާޒިޔާ އިން ފަހަތުންއަރައި ދިއްދޫ ބަލިކޮށްފި
ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އައްޑޫ ފޭދޫގެ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ދެއްކި މޮޅު ކުޅުމާއެކު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފަހަތުންއަރައި
5-2 ގެ ނަތީޖާއަކުން ދިއްދޫ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.
މި ސީޒަނުގައި މިހާތަނަށް އެންމެ ރަނގަޅު ކުޅުން ނުދެއްކުނު ކަމުގައިވިޔަސް ފޭދޫ އިއްބެ ވަނީ މި މެޗުން
މާޒިޔާ މޮޅުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން، މި މެޗުގައި ޖެހި ލަނޑާއެކު ދެއްކި މޮޅު ކުޅުމުގެ ސަބަބުން މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކުރީ ވެސް ފޭދޫ އިއްބެއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މެޗުގެ 36 ވަނަ މިނެޓުގައި ދިއްދޫ އަށް ލީޑުނަގައިދިނީ ކުރީން މާޒިޔާ އަށް ކުޅުނު މުޙައްމަދު ތަޝްމީން (ތައްތި)އެވެ.
ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި މާޒިޔާ އަށް އެއްވަރުކޮށްދިނީ ހުމައިދު ޙަސަންއެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ
ހަސަން ޝިފާޒް (ޑުންގާ) ތަނަވަސްކުރި ފުރުސަތަކުންނެވެ.
މާޒިޔާ އިން ފަހު ހާފު ފެށީ އެ ޓީމުން ފުރަތަމަ ހާފު ނިންމާލި ފޯމުގައެވެ. މި ހާފު ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ނާޝިއު އަހުމަދު ޝިހާމްގެ ލަނޑުން އެ ޓީމު ވަނީ ފުރަތަމަ ފަހަރަށް މި މެޗުގައި ލީޑުނަގައިފައެވެ.
އޭގެފަހުން، މެޗުގެ 59 ވަނަ މިނެޓުގައި
މާޒިޔާގެ ތިންވަނަ ލަނޑުޖަހައިދިނީ އަނިޔާއަށްފަހު ކުޅުމަށް އެނބުރިއައި
ޒުވާން ފޯވާޑް، މުޙައްމަދު އިލާން އިމްރާނެވެ. އޭނާ ކުޅެން ނިކުތީ ފަހު ހާފުގައެވެ.
އެއަށްފަހު، ހަތަރު މިނެޓުގެ ތެރޭގައި ޖެހި ދެލަނޑާއެކު
މާޒިޔާއިން ލީޑު އިތުރަށް ފުޅާކޮށް، މެޗުގެ ކޮންޓްރޯލް އެއްކޮށް އަތުލިއެވެ. އެގޮތުން، މެޗުގެ 67 ވަނަ މިނެޓުގައި އެ ޓީމުގެ ހަތަރުވަނަ ލަނޑު، ޢަބްދުﷲ ލޫތު އިބްރާހިމް ކާމިޔާބުކޮށްދިންއިރު، އޭގެ ހަތަރު މިނެޓު ފަހުން މާޒިޔާގެ ފަސްވަނަ ލަނޑުޖަހައިދިނީ ފޭދޫ އިއްބެއެވެ.
މެޗުގައި ދިއްދޫން ޖެހި ދެވަނަ ލަނޑު، 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުޙައްމަދު ޝަނާއު ނަސީރެވެ.
މި ނަތީޖާއާއެކު
މާޒިޔާ ވަނީ ލީގުގެ އެއްވަނައިގައި އުޅޭ ވިކްޓްރީ ސްޕޯޓްސް ކްލަބާ ތިން ޕޮއިންޓާ ގާތަށް ޖެހިލައިފައެވެ. ވިކްޓްރީ އެއްވަަނައިގައި އުޅެނީ ހަތް މެޗުން 19 ޕޮއިންޓާއެކުއެވެ.
މާޒިޔާ ވަނީ ހަތް މެޗުން 16 ޕޮއިންޓް ހަމަކޮށްފައެވެ.