ރިވައިވަލް ބެޑްމިންޓަން މުބާރާތުން ނޫރާނީ ސްކޫލުގެ ތިން ދަރިވަރަކަށް ފަހުރުވެރި ކާމިޔާބީއެއް
ރިވައިވަލް ސްޕޯޓްސް އިން އިންތިޒާމުކޮށްގެން ބޭއްވި "ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖް 2026" މުބާރާތުގައި ވާދަކޮށް، އައްޑޫ ހިތަދޫ ނޫރާނީ ސްކޫލުގެ ތިން ދަރިވަރަކުން ފަހުރުވެރި ކާމިޔާބީއެއް ހާސިލްކޮށްފިއެވެ.
މި މަހުގެ 11 އިން 16 އެކުވެނި ބެޑްމިންޓަން ކޯޓުގައި ކުރިއަށްދިޔަ މި މުބާރާތުގެ 32 އިވެންޓުގައި 371 އެތުލީޓުން ވަނީ ބައިވެރިވެފައެވެ.
އެގޮތުން، މި މުބާރާތުގެ ޖޫނިއާ ބައިގައި ވާދަކުރި ނޫރާނީ ސްކޫލުގެ ތިން ދަރިވަރުން ކަމަށްވާ، ޔަނޫފް ބިން މޫސާ، އައިޝަތު އާލާ ރަޝީދު އާއި މީފާ ބިންތި މޫސާ ވަނީ އެ ކުދިން ވާދަކުރި އުމުރުފުރައިން މުޅިއެކު ހަތަރު މެޑެލް ހާސިލްކޮށްފައެވެ.
މުބާރާތުގެ ނުވަ އަހަރުން ދަށުގެ އުމުރުފުރައިން ސިންގަލްސް އިވެންޓުން ޔަނޫފް ރިހި މެޑެލް ހޯދިއިރު، މީފާ ވަނީ 13 އަހަރުން ދަށުގެ އުމުރުފުރައިން އަންހެން ޑަބަލްސް އިވެންޓުން ރިހި މެޑެއްޔަކާއި، ސިންގަލްސް އިވެންޓުން ލޯ މެޑެލް ހާސިލްކޮށްފައެވެ.
މީގެއިތުރުން، މުބާރާތުގެ 11 އަހަރުން ދަށުގެ އުމުރުފުރައިން ޑަބަލްސް އިވެންޓުގައި ވާދަކޮށް، އާލާ ވެސް ލޯ މެޑެއްޔެއް ހޯދިއެވެ.